ދުނިޔެ

އިންޑިއާއާ ގުޅުން ގޯސްވުމަކީ ޕާކިސްތާން އެދޭ ގޮތެއް ނޫން: ދިފާއީ ވަޒީރު

އިންޑިއާއާ އެކު އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ހިނގުމަށް ސަބަބަކަށް ޕާކިސްތާން ވުމަކީ އެއްގޮތަކަށް ވެސް އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފު ވިދާޅުވެއްޖެ އެވެ.

ދެ ގައުމުގެ ދެމެދުގައި އަސްކަރީ ހަމަލާތަކެއް ބަދަލުކޮށް ބޮޑެތި ގެއްލުންތަކެއް ދިނުން އަދި ލިބިގަތުމަކީ މިހާރަށް ބަލާއިރު އަދި ޒަމާނަށް ބަލާއިރު ތަހުޒީބު ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ޕާކިސްތާންގެ އަސްކަރިއްޔާ އޮތީ އިންޑިއާއަށް ހަމަލާދޭ ވިސްނުމުގައި ނޫން ކަމަށާއި އަދި އެފަދަ ރޭވުމެއް ނުވަތަ ވިސްނުމެއް ވެސް ނެތް ކަމަށް އާސިފު ވިދާޅުވި އެވެ.

އިންޑިއާއަށް ގެއްލުން ދިނުމަށް ހަތިޔާރު ނުއުފުލާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. ނަަަމަވެސް، އިންޑިއާގެ އަމަލުތައް ހުންނަ ގޮތަކުން ރައްދުގައި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާއާ ޕާކިސްތާންއާ ދެމެދުގައި މިހާރު އޮތް ހާލަތު އިތުރަށް ގޯސްވުމަށް އެދިވަޑައިނުގަންނަވާ ކަމަށް އާސިފް ވިދާޅުވި އެވެ. މަސްރަހު ފިނިކުރުމަށްޓަކައި އަވައްޓެރިން ދޭ ލަފާ ގަބޫލުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުން އިންޑިއާއާ ދެކޮޅަށް ޕާކިސްތާން ދެތުވާނީ އިންޑިއާގެ ސަބަބުން ދައުލަތް ނެތިގެން ހިނގައިދާނެ ކަމަށް ބިރުހީވެއްޖެ ނަމަ އެވެ. މިނިވަންކަމަށައި އިސްތިގުލާލަށް ނާމާންވެއްޖެ ނަމަ، އަމިއްލަ ދިފާއުގައި ހުރިހާ ބާރުތަކެއް ބޭނުންހިއްޕަވާނެ ކަމަށް އާސިފް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ސްކައި ނިއުސްއަށް ވާހަކަދައްކަވަމުން އާސިފު ވިދާޅުވީ އިންޑިއާއާ ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އުފެދޭ ކޮންމެ ފަހަރަކު ދުނިޔެއަށް އޮންނަ ބިރަކީ ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ ކަމާ މެދު އެވެ.

ދެ ގައުމުގެ ދެމެދުގައި މިހާރު އޮތީ ނިއުކްލިއާ ބޭނުންކުރާ ޖެހޭ ފަދަ ހާލަތެއް ނޫން ކަމަށް އާސިފް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ދެ ގައުމުގައި ނިއުކްލިއާ ހަތިޔާރު ހުރި ނަމަވެސް، ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމަކީ ވިސްނުމުގައި އޮތް ކަމެއް ނޫން ކަމަށެވެ.