ވާހަކަ

ކަރުނައިގެ އަގު

( 24 އެޕްރިލް 2025 އާ ގުޅޭ )

ޓީޝާޓު ފޮތީގެ ކޮއްޕި ބުރުގާ ރަނގަޅު ކުރަމުން އައިސް ރަހާ ދޮރު ހުޅުވާލި އެވެ. ދޮރުމަތީ ހުރި ސޫރަ ފެނި ރަހާއަށް ޤަބޫލުކުރަން ދަތިވީ އެވެ. އަމިއްލަ ސޫރައާ ވައްތަރު އެތައް ސިފައެއް ރަހާއަށް ފެންނަމުންދިޔަ އެވެ.

"ހެލޯ... ރަހާތަ؟." ދޮރުމަތީ ހުރި އަންހެންކުއްޖާ އަހާލި އެވެ.

"އަހަރެން ވަންނަތަ؟. ރަހާއާ ބައްދަލުކޮށްލަން މިއައީ." އެ އަންހެންކުއްޖާ ކުރީން ކުރި ސުވާލަށް ރަހާ ހޫން ލައްވާލުމުން އޭނާ ބުންޏެވެ. އެއާއެކު ރަހާ ދޮރުމަތިން ފަހަތަށް ޖެހިލައި ދޮރު ހުޅުވާލީ އެ އަންހެންކުއްޖާ އެތެރެއަށް ވަންނަން ތަންދައްކަމުންނެވެ.

"އަހަރެން މީ ސަހާނާ... ސަހާ އާންމުކޮށް ކިޔަނީ." އެޕާޓްމެންޓްގެ ދޮރު ލައްޕާލާފައި ރަހާ އެނބުރިލުމުން އެ އަންހެންކުއްޖާ ބުންޏެވެ. އަދި ރަހާ ނުބުނަނީސް އަމިއްލައަށް އައިސް ސިޓިންރޫމުގައި ހުރި ސޯފާގައި އޭނާ އިށީނދެއްޖެ އެވެ. ރަހާއަށް ހުރެވުނީ ހަރަކާތެއް ކުރާން ނޭނގިފަ އެވެ. އޭނާއަށް "ސަހާ"ގެ ނަން އާ ނަމަކަށްނުވެ އެވެ. އެހެންނަމަވެސް އެ ސަހާއެއް ލޮލަށް ފެނުނީ އަދިކިރިޔާ އެވެ. ރަހާގެ މޭގައިވި ހިތް ބާރަށް ތެޅެންފެށި އެވެ. ސަހާނާ އެ ގެއަށް އަންނަން ޖެހުނު ސަބަބެއް ނޭނގުނަސް ރަހާގެ ހަވަނަ ޚިއްޞު ބުނަނީ އެ އަންހެންކުއްޖާގެ ނިޔަތް ރަނގަޅުނޫންކަމެވެ. އަނެއްކޮޅުން ރަހާއަށް އުނދަގޫ ކުރަމުން ދިޔައީ ސަހާނާގެ ސިފަ އެވެ. ބުރުގާ ނާޅާ ހުރިނަމަ ސަހާނާއާއި ރަހާ ނުހަނު ވައްތަރުވީސްކަން ގައިމެވެ. އެކަމަކު އެއީ ރަހާގެ ޅައިރުގެ ތަސްވީރަކަށް ނޫނީ ނުވާނެ އެވެ. އުމުރުން ވިހި ބާވީހުގައި ރަހާ ހުރީ ނިކަން ފަރިކޮށް ޗާލުކޮށެވެ. ސަހާނާ ފެންނަނީ އެފަދަ ޒުވާންކަމާއި ތާޒާކަމެއްގަ އެވެ.

"ކޮޅަށްތަ ހުންނަނީ. އިށީންނަންވީނު. ރަހާއާ ވާހަކައެއް ދައްކާލަންވެގެން." ސަހާނާ ބުންޏެވެ.

"ސަހާނާއަށް ކިހިނެއް އަހަރެން އެނގެނީ؟. އަހަރެން ނުދަންނަން ސަހާނާއެއް. ކުރީން ބައްދަލުވި ހަނދާނެއް ވެސް ނުވޭ." ވަކިން ހުރި ސޯފާ ގޮނޑީގައި ރަހާ އިށީނދެ ވާހަކަދެއްކި އެވެ. އޭނާއަށް ސަހާ ކިޔަން އުނދަގޫވީ އެވެ. އެ ނަމާ ގުޅިފައިވަނީ އޭނާގެ ހިތަށް ކެތްކުރާން އެންމެ ދަތިވެފައިވާ ހަނދާންތަކެވެ.

ސަހާނާ ހައިރާންވި އެވެ. އޭނާއަށް ސާފުކޮށް ރަހާގެ މޫނުން ފާޅުވި ސިހުން ފެނުނެވެ. ކޮންމެވެސް ގޮތަކުން އޭނާއަކީ ކާކުކަން ރަހާ ދެނެގެންފިކަމުގެ ޔަޤީންކަން ސަހާއަށް ލިބުނެވެ. އެހެންނަމަވެސް ހައިރާންވީ ރަހާ ފާޅުގައި ނޭނގޭކަމަށް ހެދީމަ އެވެ. ހަމައެއާއެކު ރަހާގެ ހިމޭންކަމާއި މަޑުމައިތިރިކަން ސަހާނާއަށް ފާހަގަވި އެވެ. އޭނާ ސަހާނާއާ ކުރިމަތިލާން ބޭނުންވަނީ މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއެކުހެން ހީވެ އެވެ. އެކަމަކު ސަހާނާގެ ގަސްދަކީ ރަހާގެ ހަމަޖެހުން ނަގާލުމެވެ.

"އަހަރެމެން ބައްދަލެއްނުވޭ. އެކަމަކު އަހަރެންނަށް ރަހާ އެނގެނީ ވީކޭ... އައި މީން ވާކިފްގެ ފަރާތުން. އައި ހޭވް ބީން ވިތް ހިމް ފޯ އަ ލޯންގް ޓައިމް. ވާކިފް ހިފަހައްޓަން މަސައްކަތް ނުކުރިއްޔާ ރަނގަޅުވާނީ. އޭނާ ފިރިހެނަކަށްވާއިރު އަންހެނަކަށް ނޯންނަ މިނިވަންކަމާއި އިޚްތިޔާރު ލިބިގެންވާކަން އެނގޭ ދޯ." ސަހާނާ ބުންޏެވެ.

ރަހާއަށް ޤަބޫލުކުރާން ދަތިވި އެވެ. ސަހާނާއަށް އެހާފާޅުކަން ބޮޑުކޮށް އެފަދަ ވާހަކައެއް އޭނާއާ ދިމާއަށް ބުނަން ކެރުނީތީ އެވެ. ޖެހިލުންވުމެއް ނެތްތާގައި ލަދުވެތިކަމެއް ވެސް ސަހާނާގެ ނެތީ އެވެ. ލިބުނު ނުތަނަވަސްކަން ފަރުދާކޮށް ފިނިނޭވާއެއް ދޫކޮށްލާފައި ރަހާ ވާހަކަދެއްކި އެވެ.

"ތި ދައްކަން އުޅޭ ވާހަކައެއް އަހަރެން ކައިރީ ދެއްކުމަށްވުރެ ރަނގަޅުވާނީ އޭނާގެ ކައިރީ ދެއްކިއްޔާ. އެހެންނޫނަސް އެކަހަލަ ފިރިހެނަކު އެއްވެސް އަންހެނަކަށް ހިފެހެއްޓިދާނޭހެން ހީވޭތަ؟." ރަހާ މަޑުމަޑުން ބުންޏެވެ. ސަހާނާ ބަލަން އިނދެ އެއްބުމަ އަރުވާލި އެވެ. ރަހާ ބުނި އެއްޗެއް އޭނާއަށް ފަހުމްނުވީ ކަހަލަ އެވެ.

"ކިހާ ދުވަހެއްވެއްޖެ ތި ގުޅުމަށް." ރަހާ އަހާލި އެވެ.

"އޯ... ތިން އަހަރު. އަހަރެންގެ ޑިގްރީ ގްރެޖުއޭޝަން އަހަރު އޮފީހުން ދިމާވި ގޮތަށް." ނިކަން ފުޅާ ހިނިތުންވުމަކާއެކު ސަހާނާ ބުންޏެވެ.

"3 އަހަރު... ހޫމް... 3 އަހަރު..." ވައި އަޑުން ކަހަލަ ގޮތަކަށް ރަހާއަށް ކިޔާލެވުނެވެ. އޭނާގެ ޚިޔާލުތައް ދިރިއުޅުމުގެ މާޒީގެ ތެރެއަށް ފީނައިގަތެވެ. ފާއިތުވެގެން ދިޔަ 4 އަހަރަކީ ވާކިފްގެ ކިބައިން ދުރުކަން އެންމެ ބޮޑަށް ރަހާއަށް އިޙްސާސް ކުރެވުނު ދުވަސްތަކެވެ.

"ތި ދެ މީހުން ވަރަށް މައްސަލަ ޖެހޭ ދޯ. ތި ދެ މީހުންގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގައިފިނަމަ ކޮންމެ ފަހަރަކު ވާކިފް ގެއިން ނުކުމެގެން އަންނަނީ އަހަރެން ކައިރިޔަށްކަން އެނގޭތަ. މިވީ އަހަރުތަކު ތެރޭ އޭނާގެ އެގޮތް ގައިމު ވެސް ބަދަލެއްނުވޭ. އެހެން މީހެއް ކައިރިޔަކަށްނޫން ދަނީ. ހަމަ އަހަރެންގެ ކައިރިޔަށް އައިސް އޮންނަނީ... އަހަރެން އެހިން ހިތްހަމަޖެހުމެއް ނުވާއިރު ކީއްކުރަންތޯ އަދިވެސް އެކުގައި ތި އުޅެނީ. ވާކިފްއަކީ ގޮތެއް ނެތިފައި ހުރި މީހެއްނޫންވިއްޔާ. އެކަމަކު އޭނާ ބުނީ ރަހާ ދޫކޮށްލަން އުނދަގޫވާނޭ. އޭނާ ޤަބޫލުކުރަނީ ރަހާއަކީ އޭނާގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެކޭ. އެހެންވީމަ ދޫކޮށްލެވޭކަށް ނޯންނާނޭ. އެހެން ބުންޏަސް ވާކިފްއަށް ގުޅުމެއް ކަނޑާލަން އުނދަގޫވާނެއޭ އަހަރެން ނުބުނާނަން. އުނދަގޫނަމަ އެތައް އަހަރެއްވަންދެން މީހަކު ދީފައި އޮތް އަނގޮއްޓިއެއް އަޅައިގެން އުޅެފައި އެ ނަގައި އެއްލައެއްނުލާނެ ދޯ. އަނެއްހެން އަގުބޮޑު އެއްޗެއް ވެސް ނޫން. އެކަމަކު އެހާ ދުވަހު ވާކިފްގެ އަތުން އެ އަނގޮއްޓި ފެނުނީމާ އެނގޭ އެއީ މީހަކު ލޯބިން ދީފައި އޮތް ހަދިޔާއެއްކަން." ސަހާނާ މިހެންބުނެ ހީނލީ އެވެ. އޭނާ ސޯފާއިން ތެދުވި އެވެ. ރަހާގެ ކައިރިޔަށް ޖެހިލައި ގުދުވެލި އެވެ.

"އައި ފެލްޓް ރިއަލީ ބޭޑް. ސޯ އައި ކެޕްޓް އިޓް ފޯ ޔޫ. އެހެން ފަހަރަކުން ދިމާކޮށްލަމާ. އޭރުން އެ ހިފައިގެން އަންނާނަން." ސިއްރެއް ބުނާ ފަދައިން ނިކަން މަޑުން ސަހާނާ ބުންޏެވެ. އެހެންނަމަވެސް އެ އަޑުގައިވާ މަލާމާތް ރަހާއަށް އިޙްސާސްވީ އަލިފާނުން އޭނާގެ އަބުރު ފިއްސާލީ ފަދައިންނެވެ. ވާކިފް އޭނާގެ ނަފްސުގެ އަގު ވެއްޔާއި މޮޑެލައިފި ފަދަ އެވެ. ރަހާއަށް ދަތްކުނޑިވިކާލެވުނެވެ. ފުންމައިގެން ތެދުވި ގޮތަށް ރަހާ ހިނގައިގަތީ އެޕާޓްމެންޓްގެ ދޮރާ ދިމާއަށެވެ. އޭނާ އައިސް ދޮރު ހުޅުވާލުމާއެކު ސަހާނާއަށް އިޝާރާތްކުރި އެވެ.

"ނުކުމޭ. އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް އަދި އަޑުއަހާކަށް ވެސް ނެތިން. މިގެއަށް ދެން ނާންނާތި." ރަހާ ބުންޏެވެ. އޭނާ ހުރީ އިންތިހާއަށް ރުޅިގަދަވެފަ އެވެ. އެހެންނަމަވެސް ސަހާނާއާ ވާހަކަދެއްކީ ބާރަކަށް ނޫނެވެ. އާދައިގެ މިންގަނޑެއްގަ އެވެ. ސަހާނާގެ ތުންފަތުގައި ހިނިތުންވުމެއްވީ އޭނާގެ މަޤްޞަދު ޙާޞިލުވެއްޖެކަން އެނގޭތީ އެވެ. މަޑުކުރާން ނުހަދާ ސަހާނާ ނުކުތީ އެވެ.

އެޕާޓްމެންޓްގެ ދޮރު ލައްޕާލުމާއެކު ރަހާއަށް ހީވީ ވަށައިގެން ފެންނަމުންދިޔަ މަންޒަރު އެނބުރިގަތް ހެންނެވެ. އޭނާއަށް ބޮލުގައި ދެ އަތުން ހިފަހައްޓާލެވުނެވެ. ދެން މޭގައި ދެ އަތް އަޅައި އޮބައިގަތެވެ. ސަހާނާގެ ކުރިމަތީ އޭނާ ބަލިކަށިކަން ދައްކަން ބޭނުންނުވީ ނަމަވެސް މިހާރު އޭނާ އެކަނިވުމުން ހުރިހާ ޖަޒުބާތެއް އައިސް އޭނާ ވަށާލީ އެވެ. ދެ ލޮލުން ކަރުނަ އޮހެރެންފެށީ ނިމުމެއްނުވާ ފަދައަކުންނެވެ. ގިސްލެވި މީހާ ދެ ކަކޫ މައްޗަށް ތިރިވެވުނީ ދެފައިކޮޅުން ވާގިދާން ފެށުމުންނެވެ. މޫނުގައި ދެ އަތް އަޅައި ފޮރުވާލި އެވެ. އެ ދެއަތްތިލަ މޫނުން ނެގިއިރު ނޭފަތުން ލޭ ފައިބާ ދެ އަތްތިލަ ރަތްކުލައިގެން ފޯވަނީ އެވެ. އެހެންވިޔަސް އެއްވެސް ކަމެއް ކުރާނޭ ހިތްވަރެއް ނެތިފައި ރަހާއަށް އިނދެވުނީ އެވެ.

ހަވީރުގެ ވަގުތެވެ. ބެލްކަނި ކައިރީ ހުރި އުނދޯލި ގޮނޑިއަށް ދެފައި ނަގައިގެން ރަހާ އިނެވެ. ކަނާއަތް ކަކޫމަތީ އަޅުވާލާފައިވާއިރު ވައަތުގެ ދެ އިނިގިލިން އޭނާ އިނީ ކަށި އިނގިލީގައި މިހާ ދުވަހު އަޅާފައި އޮތް އަނގޮއްޓި ހިފަހައްޓާލައިގެންނެވެ.

"ދިހަ އަހަރަށްވުރެ ގިނަ ދުވަސްވީ މި އަނގޮއްޓިއަށް. މީ އަހަރެންނާއި ވާކިފްގެ ކައިވެނީގެ އެންމެ ދުވަސްވީ ހަނދާން. އަގުބޮޑު ނޫނަސް އޭރު އުޅުނު ހާލަތުގައި ހޯދުނު އެންމެ އަގުބޮޑު ހަދިޔާ. އަހަރެން އަތުގައި އޮތް އެންމެ އަގުބޮޑު އެއްޗަކީ މި އަނގޮއްޓި ކަމުގައި ދުށީން. އެހެން މީހެއްގެ ނަޒަރުގައި މީ އެއްވެސް އެއްޗަކަށްނުވި. އަހަރެމެން ދެމެދުގައި އޮތް ލޯބި ރަމްޒުކޮށްދޭނޭ ހީކުރުން އެއީ ކުރެވުނު މޮޔައެއް ހީއެއް. މިހާރު ވިސްނިއްޖެ... ރަނގަޅަށް ވެސް ހުރިހާކަމެއް ސާފުވެއްޖެ. މިހުރިހާ ދުވަހު އަހަރެން މަސައްކަތް މިކުރީ ފުނޑުފުނޑުވެފައިވާ ބިންގަލެއްގެ އެތިކޮޅުތައް އެއްކުރުމުގައި. އެކަމަކު އޭގައި އެޅިފައިވާ ރެނދުތައް ފިލައިގެން ދާނީ ކިހިނެއް... އަލުން އިހު ހުރި ގޮތަށް ރާވާނީ ކިހިނެއް. މި އޮނގޮއްޓީގެ އެއްވެސް އަގެއްނެތް... ބޭކާރު އެއްޗެއް މީ." ރަހާ އަމިއްލަ ނަފްސާ ވާހަކަދައްކަން އިނދެފައި އަނގޮއްޓި އެއްލާލި އެވެ. އެއާއެކު އެ އަނގޮއްޓި ތަޅުންގަނޑު މަތިން އެނބުރެމުން ގޮސް ސިޓިންރޫމުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ޗެސްޓްޑްރޯވާ ދަށަށް ވަދެ ގެއްލިއްޖެ އެވެ. ދެން އޭނާ ބެލްކަނިން ބޭރަށް ނަޒަރު ހުއްޓާލައިގެން އެ އިންގޮތަށް އިނީ އެވެ. ތުންފިއްތާލައިގެން އިންގޮތުން ރަހާ ރޯން ބޭނުންނުވާކަން ގައިމެވެ.

އެޕާޓްމެންޓްގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަނީ ވާކިފް އެވެ. އޭނާ ހުރީ ހެނދުނު އޮފީހަށް ނުކުމެގެންދިޔަ ގޮތަށް ރަސްމީ ހެދުމުގަ އެވެ. ތަފާތަކީ އިރުއޮއްސުމުގެ ކުރީން އޭނާ ގެއަށް އައިކަމެވެ. އަދި އެންމެ އަޖައިބުކުރުވަނިކަމަކީ ވާކިފްގެ އަތުގައި މާބޮޑިއެއް އޮތުމެވެ. ހައިރާންކަމާއެކު ރަހާއަށް ބަލަން އިނދެވުނެވެ.

"ހާއި، ކީއްވެފަ ތިއިނީ؟." ބޫޓު ބަލާފައި ރަހާގެ ގާތަށް އަންނަމުން ވާކިފް ވާހަކަދެއްކި އެވެ.

"ތިއައީތަ؟." ރަހާ ބަދަލުކޮށްލީ ފުޅާ ހިނިތުންވުމެކެވެ. ހިތްދަތިކަމާއި ވޭނުން މީހާ ރޮއެރޮއެ މަރުވާވަރުވެފައިވާ މީހަކުހެން އޭނާ ހިޔެއްނުވެ އެވެ. ވާކިފްގެ ހިތަށް ގައިމު ވެސް ރަހާގެ ހިނިތުންވުން ފެނި ހަމަޖެހުން ގެނެސްދީފި އެވެ.

"އަހަރެންނަށް ގެނައި އެއްޗެއްތަ؟." ވާކިފްގެ އަތުގައި އޮތް މާބޮނޑިއަށް ބަލާލަމުން ރަހާ އަހާލި އެވެ.

"އާން. ދެން އެހެން ކާކަށް. އަސްލު މިއަށްވުރެ ވެސް އަވަހަށް އަންނަން އުޅުނީ. މާ ގަންނަން ބޭނުންވީ ފިހާރަ ބަންދުކޮށްފައި ހުރީމަ އެހެން ދިމާއަކަށް ދުއްވަން ޖެހުނީމަ ލަސްވީ." ވާކިފް މިހެންބުނެ ރަހާއަށް މާބޮނޑި ދިއްކޮށްލި އެވެ. އޭގައި ރަހާ ހިފުމުން ވާކިފް ގުދުވެލައި ރަހާގެ ކޯތާފަތުގައި ނިކަން ލޯބިން ބޮސްދީފި އެވެ. ރަހާ އެހާ ހަމަޖެހިފައި ހުއްޓާ ފެނުނީތީ ވާކިފް އުފާކުރި އެވެ.

"މިރޭ ގޭގައި އެއްޗެއް ހަދާލާނީ ދޯ. އަހަރެން މިއައީ ބޭނުންވާ ބައެއް ސަމާނު ގަނެލައިގެން. އައިލް މޭކް ޑިނާ ފޯ ޔޫ." ރަހާގެ ކޯތާފަތުގައި ފިރުމަމުން ވާކިފް ބުންޏެވެ. އާނއެކޭ ބުނުމަށް ރަހާ ހިނިތުންވުމަކާއެކު ބޯޖަހާލީ އެވެ.

ރޭގަނޑުގެ ކެއުން ތައްޔާރު ކުރެވެންދެން ވާކިފް އެދުނީ ރަހާގެ ގާތުގައި އަރާމުކޮށްލަން ދިއުމަށެވެ. އެހެންވެ ވާކިފް ގޮވަންދެން ރަހާ އޮތީ ކޮޓަރީގަ އެވެ. އޭނާ ނުކުތީ ވާކިފް ކާންތައްޔާރުކޮށްފައި ބަލާ އައީމަ އެވެ. ދެމަފިރިން ކާމޭޒުދޮށުގައި އިށީނދެ ކާންފެށި އެވެ. ވާކިފް ހުރީ ސްޕެގަޓީ ހަދާފަ އެވެ. ކައިގެން ކާލާނޭ މޭވާކޮޅެއް ރަހާއަށް ވަކިން ތައްޓެއްގައި ކޮށާފައި ހުއްޓެވެ. ރަހާ ލަސްލަހުން ކެއުމާއިގެން ކުރިޔަށް ދިޔަ އެވެ. އޭނާގެ އަތްތިލައިގައި ވާކިފް އަޅައިގަތީ ކާންފެށިތާ އިރުކޮޅެއް ފަހުންނެވެ.

"ރަހާ... ކޮބާ އަނގޮއްޓި." ރަހާގެ އިނގިއްޔާ އެ އަނގޮއްޓިއެއް ވަކިނުކުރާނޭކަން އެނގޭތީ ވާކިފް ނުހަނު ބޮޑަށް ސުވާލު އުފެދުނީ އެވެ.

"އަނގޮއްޓި... ކޮންތާކަށްބާ ލެވުނީ." އަޖައިބުވީ ފަދަ އަސަރަކާއެކު ރަހާ ވެސް އަތްތިލައަށް ބަލާލީ އެވެ. ދެން އޭނާ ހީނލައިފި އެވެ. ވާކިފްއަށް ލިބުނީ ހައިރާންކަމެވެ. ރަހާގެ އެ ޢަމަލު ނަގައިގަންނާކަށް އޭނާއަކަށް ނޭނގުނެވެ.

"ރަހާ. ކޮންކަމަކާ ތިހެނީ. ސަކަރާތް ނުޖަހާ ބުނެބަލަ... އަނގޮއްޓި ކޮބާ؟. ކީއްވެ ނާޅާ ތިއުޅެނީ؟. އާ އަނގޮއްޓިއެއް ގަންނަން ކިޔާފައި ދޯ އޮތީ. ނިއު އިޔާރ އައިސް މިއޮތީ ޖެހިފައެއްނު. ނިއު އިޔަރއަށް ހިނގާ ރަހާއަށް ރީތި އަނގޮއްޓިއެއް ސެލެކްޓް ކުރަން ދަމާ. ޑިޒައިނެއް އޮތިއްޔާ ބުނޭ. އެގޮތަށް އަނގޮއްޓިއެއް ހެއްދިވެސް ދާނެ." ވާކިފް ބުންޏެވެ.

"އަނގޮއްޓި ދޯ... އެ ވީތަނެއް ނޭނގޭ. ދެން ކިހިނެއް އެ އަނގޮއްޓި އަޅާނީ." މިފަހަރު ރަހާ ވާހަކަދެއްކީ އެއްވެސް އަސަރެއްނެތި އެވެ.

"ގެއްލުނީތަ؟." ވާކިފަށް އަހާލެވުނެވެ. ރަހާ އޭނާއާ ހަތަރުކަޅި ހަމަކޮށްލާފައި ބަލާލި ވާކިފްގެ އަތްތިލައަށެވެ. އެއާއެކު އިތުރަށް ވާކިފަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ވާކިފްގެ އިނގިލީގައި އޮތް އަނގޮއްޓިއަށް ވީގޮތް ހަނދާންވީ އެވެ.

ރޭގަނޑު ދިހައެއް ޖެހުމުން ސިޓިންރޫމުގައި އިނދެފައި ވާކިފް ތެދުވީ ކޮޓަރިއަށް ދަނީ ކަމުގައި ބުނެފަ އެވެ. ރަހާ އާދޭތޯ އޭނާ މަޑު ވެސް ކޮށްލި އެވެ. ނަމަވެސް ރަހާގެ އިޝާރާތެއް ނުވީމަ ވާކިފް ގޮސް ކޮޓަރިއަށް ވަނީ އެވެ. ރަހާ ތެދުވީ އޭގެ ފަހުގަ އެވެ. އޭނާ އައިސް ގެސްޓްރޫމަށް ވަނެވެ. ނިދާ ހެދުން ލައިގެން އައިސް ލޯގަނޑު ކުރިމަތީ ރަހާ މަޑުކޮށްލި އެވެ. އަމިއްލަ ސޫރައަށް އޭނާ ބަލަން ފެށި އެވެ.

"ވާކިފް އަހަރެންނަށް އަދިވެސް ބޭނުންވޭތަ؟." ލޯގަނޑުން ފެންނަ ސޫރައާ ރަހާ ވާހަކަދެއްކި ފަދަ އެވެ.
ލޯގަނޑު ކުރިމަތިން ރަހާ އެނބުރި އޭނާ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. ރަހާ މަޑުމަޑުން އައިސް އޭނާއާއި ވާކިފް ނިދާ ކޮޓަރީގެ ދޮރު ހުޅުވާލައި އެތެރެއަށް ވަނެވެ.

"އަހަރެން ވަންނަންތަ؟." ރަހާ އަހާލި އެވެ. އޭރު އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ވާކިފް އިނީ ފޯނާ ކުޅޭށެވެ. އޭނާއަށް ވެސް ރަހާ އެ ކޮޓަރިއަށް ވަނުމުން އިނީ ބުނަންވީ އެއްޗެއް ނޭނގިފަ އެވެ. ނަމަވެސް ރަހާގެ ސުވާލު އިވުމާއެކު ވާކިފްގެ ތުންފަތް ދެމިލައިފި އެވެ. އަވަހަށް އެނދުގެ ތަންމަތިން ޖާގަ ހަދާލަދިން ފަދައަކުން ރަޖާ ހިއްލާލާފައި ވާކިފް އަތުން ތަންމަތީޖައި މަޑުމަޑުން ޖަހާލައިފި އެވެ.

ދޮރު ލައްޕާލާފައި ރަހާ އައިގޮތަށް އެނދަށް އަރައި އޮށޯތީ އެވެ. ވާކިފްއަށް ފުރަގަސްދެމުންނެވެ. އޭރު ވެސް ވާކިފްގެ ތުންފަތުގައިވީ ހިނިތުންވުމަށް ފަނޑުކަމެއް ނާދެ އެވެ. ނަމަވެސް ރަހާގެ ހިތް އެތެރެއިން ރޮނީ އެވެ. އޭނާގެ ކަންފަތުގައި ސަހާނާގެ އަޑު ހަރުލާފައިވާ ކަހަލަ އެވެ.

"ވާކިފް ހިތްހަމަނުޖެހިގެން ގެއިން ނުކުމެގެން ކޮންމެ ފަހަރަކު އަންނަނީ އަހަރެން ކައިރިޔަށްކަން އެނގޭތަ؟." ސަހާނާގެ އެ ބަސްތައް ރަހާގެ ސިކުނޑި ކަމުންދާ ފަދަ އެވެ. އެ ޚިޔާލުތަކުގައި އޮއްވާ ވާކިފް އޮށޯވެ ރަހާގެ ފުރަގަހުން އައިސް ގާތްވެލިކަމުގެ އިޙްސާސް ކުރެވުނެވެ.

"ލަވް ޔޫ." ރަހާގެ ކޯތާފަތުގައި ބޮސްދެމުން ވާކިފް ބުންޏެވެ.

(ނުނިމޭ)