ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 806،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 806،110 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 749،225 ފަތުރުވެރިންނަށްވުރެ 56،885 ފަތުރުވެރިން -- 7.6 ޕަސެންޓް އިތުރުވުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ޗައިނާ - 87،731 ފަތުރުވެރިން
- އިނގިރޭސިވިލާތް - 85،690 ފަތުރުވެރިން
- ރަޝިއާ - 82،833 ފަތުރުވެރިން
- އިޓަލީ - 74،437 ފަތުރުވެރިން
- ޖަރުމަނު - 62،346 ފަތުރުވެރިން
- އިންޑިއާ - 41،197 ފަތުރުވެރިން
- ފްރާންސް - 30،995 ފަތުރުވެރިން
- އެމެރިކާ - 25،869 ފަތުރުވެރިން
- ސްވިޓްޒަލޭންޑް - 19،641 ފަތުރުވެރިން
- ޕޮލެންޑް - 14،914 ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 70.2 ޕަސެންޓް -- 566،206 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 24.2 ޕަސެންޓް -- 195،006 ފަތުރުވެރިންނެވެ.
ހޮޓާތަކުގައި 23،968 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 20،343 ފަތުރުވެރިން އަދި އެހެނިހެން ތަންތަނުގައި 526 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 172 ރިސޯޓާއި 822 ގެސްޓްހައުސް އާއި 157 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.