ޓޮޓެންހަމް ހޮޓްސްޕާސް 5-1 އިން ބަލިކޮށް ލިވަޕޫލުން މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިކާމިޔާބާ އެކު ލިވަޕޫލުން ވަނީ އިނގިރޭސި ލީގު އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް ހަދާފައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ހަމަކޮށްފަ އެވެ.
ބާކީ ހަތަރު މެޗު އޮއްވައި ޗެމްޕިއަންކަން ޔަގީންކުރި ލިވަޕޫލަށް މިއީ 1990 އަހަރަށް ފަހު ލިބުނު ދެވަނަ ލީގު ޗެމްޕިއަން ކަމެވެ. ކުރިން ލިވަޕޫލުން ލީގު ހޯދީ 2020 ވަނަ އަހަރު އެވެ.
އާނަ ސްލޮޓްގެ ލީޑަޝިޕްގެ ދަށުން ރޭ ކުޅުނު މެޗުގައި ލިވަޕޫލަށް ޗެމްޕިއަންކަން ޔަގީންކުރަން ބޭނުންވީ އެންމެ ޕޮއިންޓެކެވެ.
މެޗުގެ ފެށުމުގައި ކުރީގެ ލިވަޕޫލް ކުޅުންތެރިޔާ ޑޮމިނިކް ސޮލާންކޭ މެދުވެރިކޮށް ޓޮޓެންހަމްއިން 12 ވަނަ މިނެޓުގައި ލީޑް ނެގި އެވެ. އެހެންނަމަވެސް، ލިވަޕޫލުން ވަރަށް އަވަހަށް 16 ވަނަ މިނެޓުގައި ލުއިސް ޑިއާޒް މެދުވެރިކޮށް އެއްވަރުކޮށްފި އެވެ. އަދި 24 ވަނަ މިނެޓުގައި އަލެކްސިސް މެކް އަލިސްޓާ އޭރިއާ ބޭރުން ޖެހި ގޯލަކުން ލިވަޕޫލުން ފުރަތަމަ ފަހަރަށް ލީޑު ނެގި އެވެ. އޭގެ 10 މިނެޓް ފަހުން ކޯޑީ ގަކްޕޯ ލިވަޕޫލްގެ ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރި އެވެ.
ދެވަނަ ހާފުގައި މުހައްމަދު ސަލާހު ލިވަޕޫލްގެ ހަތަރުވަނަ ގޯލު ޖެހުމަށްފަހު، ޓޮޓެންހަމްގެ ޑެސްޓިނީ އުޑޯގީ ބައިކޮޅަށް ޖެހި ލަނޑާއެކު ލިވަޕޫލުން މެޗު ނިމުނުއިރު 5-1 އިން ކުރިއަށް ދިޔައެވެ.
ޖަރުމަނު ކޯޗު ޔާގަން ކްލޮޕަށްފަހު ލިވަޕޫލާ ހަވާލުވި އާނަ ސްލޮޓް މިވަނީ ފުރަތަމަ ސީޒަނުގައި ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މިކަން ބަޔާންކުރަމުން ސްލޮޓް ވަނީ ކްލޮޕާއި އޭނާގެ ކޯޗިން ޓީމުން ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
ސްލޮޓަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ޓީމަކާ ހަވާލުވުމަށްފަހު ފުރަތަމަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދި ފަސްވަނަ ކޯޗެވެ. މީގެ ކުރިން ހޯސޭ މޮރީނިއޯ، އެންޓޯނިއޯ ކޮންޓޭ، ކާލޯ އަންޗެލޮޓީ އަދި މެނުއަލް ޕެލެގްރީނީ މިކަން ހާސިލުކޮށްފައިވެ އެވެ.