ހައުސިން މިނިސްޓްރީގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމާ ގުޅޭ ލިޔުންތަކުގެ ހާޑްކޮޕީ ނެތިގެންދިޔަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ހަވާލުކުރަން މަސައްކަތްކުރި މައްސަލައެއް ފާހަގަވިއިރު އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔުމެއް ހައުސިން މިނިސްޓްރީ އަނދާ ދިޔުމުގައި ނެތިގެން ގޮސްފައިވޭތޯ ސުވާލުކުރައްވާފަ އެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދަނީ ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ލިބިފައިނުވާ ފަރާތްތަކަށް ގޯތި ލިބިފައިވާ ކަމަށް ދައްކާ ސައްހަނޫން ލިޔުންތަކެއް ހަދާފައިވާ މައްސަލައެއް ކަމަށެވެ.
"މި ސްކީމަކީ ޕޯޓަލެއް މެދުވެރިކޮށް އެޕްލިކޭޝަންގެ މަރުހަލާތައް ނިންމައި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންގޮސް ބަލަހައްޓަމުން ގެންދާ ސްކީމެއް،" މުއްތަލިބް ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް ގެޒެޓްކުރެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ މައުލޫމާތު މިނިސްޓްރީގެ ޕޯޓަލްގައި އެބަހުރި ކަމަށެވެ.
ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މިނިވަން މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކަށް ބޭނުންވާ މައުލޫމާތު މިހާރުވެސް މިނިސްޓްރީން ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކާ ގުޅޭ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ނެތިގެން ގޮސްފައިވާކަން މިހާތަނަށް ފާހަގަ ކުރެވިފައެއް ނުވޭ. އެހެން ނަމަވެސް އަލިފާނުގެ ހާދިސާ ހިނގައިގެން ދިޔައިރު އިމާރާތުގައި ހުރި ބިންވެރިޔާ ސްކީމާގުޅޭ ޑޮކިއުމަންޓްތަކުގެ ހާޑްކޮޕީ ނެތިގެން ގޮސްފައިވާކަން ފާހަގަކުރަން،" މުއްތަލިބް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވެ އަނދައި ހުލިވީ ޑިސެމްބަރު 12، 2024 ގަ އެވެ.