މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ މޭ މަހު ހަވާލުކުރަން ފަށަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅީފަޅު ބޭނުންކުރަމުންދާތީ ގޯތި ހަވާލުކުރުމުގައި ލަސްތަކެއް އައިސްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޕްލޭނަށް ބަދަލު ގެނެސް ވީިހާވެސް ގިނަ ބަޔަކަށް ވީހާވެސް އަވަހަށް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މޭ މަސް ތެރޭގައި އަޅުގަނޑުމެން ގުޅީފަޅުގެ ރަޖިސްޓްރީތައް އެ ފަރާތްތަކަށް އެ ގޯތި ކަނޑައެޅިގެން އެނގޭ ގޮތަށް ހަވާލުކުރަން ފަށާނަން،" މުއްތަލިބް ވިދާޅުވި އެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ ގުޅީފަޅުގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް 400 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށާއި އެކަމަށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ފައިނޭންސް ހަމަޖެހުމާއެކު އެ މަޝްރޫއުވެސް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން 2438 ގޯތި ދޫކުރަން ކަނޑައަޅާފައިވާއިރު ހުޅުމާލެއިން 1407 ގޯތި އަދި ގިރާވަރުފަޅުން 5186 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.