ސެރީ އޭ

އިންޓާ ފަހަތަށް ޖައްސާލައި ނަޕޮލީ ސެރިއާގެ އެއްވަނައަށް ޖެހިލައިފި

އިޓަލީގެ ސެރިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ނަޕޮލީ، ޓޮރިނޯއާ ދެކޮޅަށް 2-0 ގެ ނަތީޖާއަކުން މޮޅުވެ، ލީގު ތާވަލްގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު ނަޕޮލީއަށް 34 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ގާތުން ފަހަތުން އަންނަ އިންޓަ މިލާނަށް ލިބިފައިވަނީ 71 ޕޮއިންޓެވެ.

ޑިއެގޯ އާމަންޑޯ މެރެޑޯނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ނަޕޮލީގެ ކުޅުންތެރިޔާ ސްކޮޓް މެކްޓޮމިނޭ ދެ ލަނޑު ޖަހައި ޓީމުގެ މޮޅުވުން ކަށަވަރުކޮށްދިނެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި މެކްޓޮމިނޭ ފުރަތަމަ ލަނޑު ޖަހާ، އެއަށްފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖެހި އެވެ. މިއީ މި ސީޒަންގައި މެކްޓޮމިނޭ ޖެހި 11 ވަނަ ލަނޑެވެ.

ނަޕޮލީއަށް ތިން ޕޮއިންޓު ލިބުނީ، ލީގުގެ ދެވަނައިގައިވާ އިންޓަ މިލާން، ރޯމާއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބަލިވެފައި ވަނިކޮށެވެ. މިހާރު ލީގުގައި ބާކީ އޮތީ ހަމައެކަނި ހަތަރު މެޗެވެ.

ސެރިއާ ލީގު ހޯދުމުގެ ވާދަވެރިކަން މިހާރު އޮތީ ހަމައެކަނި ނަޕޮލީ އާއި އިންޓަ މިލާންގެ މެދުގަ އެވެ. އަދި ލީގުގެ އެންމެފަހު މެޗުތަކަށްފަހު، ޕޮއިންޓުގެ ގޮތުން ދެ ޓީމު އެއްވަރުވެއްޖެނަމަ، ޗެމްޕިއަންކަން ހޯދާނެ ޓީމެއް ކަނޑައެޅުމަށް އިތުރު މެޗެއް ކުޅެންޖެހޭނެ ކަމަށްވެސް އިޓަލީގެ ފުޓްބޯޅަ އިދާރާ އިން ބުންޏެވެ. މި މެޗު ކުޅޭނެ ދަނޑެއް ކަނޑައެޅިގެންދާނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މި ސީޒަންގައި ނަޕޮލީ ކުޅުނު 34 މެޗުގެ ތެރެއިން 23 މެޗުގައި އެ ޓީމުން މޮޅުވެފައިވާއިރު، 5 މެޗުގައި ބަލިވެ، 6 މެޗު ވަނީ އެއްވަރުވެފަ އެވެ. ނަޕޮލީއަށް އެންމެ ފަހުން ސެރިއާ ޗެމްޕިއަންކަން ލިބިފައިވަނީ 2022-23 ސީޒަން ގައެވެ.