ހ. ފެންޓެނޯއީ ގެއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ފުރުސަތު ނުދޭން މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކުއްލި މައްސަލައިގެ ޝަރުތު އެ މައްސަލައިގައި ހަމަނުވާ ކަމަށެވެ.
އެ ގޮތުން ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާވެގެން ހުށަހެޅޭ މައްސަލައަކަށް ވާންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާކަން ނާޒިމް ފާހަގަކުރެއްވި އެވެ.
"އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލައިގައި ދެންނެވުނު ހާދިސާގެ ކްރައިމް ސީންގެ ގޮތުގައި ފާހަގަކުރެވޭ ތަނަކީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ދިރިއުޅުއްވާ ގެ ކަމަށް ބަޔާން ކޮށްފައިވާއިރު، މިނިސްޓަރު ދިރިއުޅުއްވަނީ ހާދިސާ ހިނގި ގޭގައި ނޫން ކަމަށް ދަންނަވަން،" ކުއްލި މައްސަލަ ބަލައި ނުގެންނެވި ސަބަބާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވި އެވެ.
އެެހެންކަމުން މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅެން ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.