މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިޝަރީޒް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އެވެ.
މި އެއްބަސްވުމުގެ ދަށުން މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.
އެ ގޮތުން މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިންގްވެސް ނެގޭނެ އެވެ.
މީގެ އިތުރުން މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބޭންކުން ހަމަޖައްސައިދޭނެ ކަމަށާއި މިއީ މިފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރު ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ބީއެމްއެލް އިން ބުނީ ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕާސަނަލް ފައިނޭންސިންގް އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ.
"މި އެއްބަސްވުމުގެ މަގުސަދަކީ މަސްވެރިންނަށް ފައިނޭންސް ހޯދުމުގެ ފުރުސަތުތައް ފަހިކޮށް އިތުރުކޮށްދިނުން. މިގޮތުން މަސްވެރިންނަށް އާމްދަނީ ލިބޭ ގޮތާއި މޫސުމީ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެފަރާތްތަކުގެ ދިރިއުޅުމަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދެވޭނެ،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުން، ޕާސަނަލް ފައިނޭންސިންގެ އިތުރުން، މަސްވެރިންނަށް ހޯމް ބިލްޑް ފައިނޭންސިންގް، ހޯމް ޕަޗޭސް ފައިނޭންސިންގް އަދި ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގްއަށްވެސް އެދި ހުށަހެޅޭނެ އެވެ.