ސްޓެލްކޯ

ސްޓެލްކޯގެ އެންމެ ބޮޑު އަމާޒަކީ މުވައްޒަފުން މޮޅު ބަޔަކަށް ހެދުން

ސަ ރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯ އަކީ މުވައްޒަފުންގެ ކުރިއެރުމަށް އަބަދުވެސް ބޮޑު އިސްކަމެއް ދޭ ކުންފުންޏެކެވެ. މުވައްޒަފުންގެ އިލްމީ އަދި ތަޖުރިބާގެ ގާބިލްކަން އިތުރުކުރުމަށް ރާއްޖެއާއި އަދި އެހެން ގައުމުތަކުންވެސް އެކި ފުރުސަތުތައް ހޯދައިދެ އެވެ.

މުވައްޒަފުން އިލްމީ ގޮތުން ކުރިއަރައިގެން ނޫނީ ކުންފުންޏަށް ލިބޭނެ މޮޅެއް ނޯންނާނެކަން ސްޓެލްކޯގެ ވެރިން އަބަދުވެސް ގަބޫލުކުރައްވަ އެވެ. އެހެންވެ ސްޓެލްކޯއިން މުވައްޒަފުންނަށް ފޯރުކޮށްދޭ އެންމެ މުހިއްމު އެއް ފުރުސަތަކީ ކިޔެވުމުގެ ފުރުސަތުތަކެވެ. މީގެ ތެރޭގައި ސްކޮލާޝިޕްތަކާއި އެކި މުއްދަތުގެ ތަމްރީން ޕްރޮގްރާމްތައް ހިމެނެ އެވެ.

ފާއިތުވި އަހަރުތަކުގައި ސްޓެލްކޯއިން ވަނީ ގިނަ މުވައްޒަފުންތަކަކަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް ހޯދައިދީފަ އެވެ. މިސާލަކަށް 2022 ވަނަ އަހަރު ސްޓެލްކޯގެ 17 މުވައްޒަފަކަށް ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ލިބުނެވެ. އަދި 2023 ވަނަ އަހަރު ވެސް ވަނީ ގިނަ މުވައްޒަފުންތަކަކަށް ކިޔެވުމުގެ ފުރުސަތުތައް ހޯދައިދީފަ އެވެ. އަދި އިންހައުސް ކޮށްވެސް އެކި ފެންވަރުގެ ތަމްރީން ޕްރޮގްރާމުތައް ހިންގަ އެވެ.

ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ އާ ހަރުފަތަކަށް ގެންދިއުމުގެ ބޭނުމުގައި ސްޓެލްކޯ އިން މިހާރު ވަނީ ރިސާޗް ފައުންޑޭޝަނެއް ވެސް އިފްތިތާހްކޮށްފަ އެވެ. މި ފައުންޑޭޝަނުން ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާޓްސް އަދި މެތެމެޓިކްސް ދާއިރާ ކުރިއެރުވުމަށް ފަހުގެ ދިރާސާތަކާއި އަލަށް ތައާރަފްވަމުންދާ ޓެކްނޮލޮޖީ ހޯދާނެ އެވެ. އަދި ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ޒަމާނީ ހައްލުތައް ހޯދައިދޭނެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަކީ ކުންފުނީގެ ހަގީގީ ކުރިއެރުން ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ގައުމުގެ ކުރިއެރުމަށް މަސައްކަތްތަކެއް ކޮށްދިނުމަކީ އަމާޒެއް ކަމަށެވެ. ސްޓެލްކޯ އަކީ މިހާރުވެސް އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ތައުލީމީ ޒުވާނުން ވަސީލަތްތަކުގެ ގޮތުން މުއްސަނދި ކުންފުންޏަކަށްވާތީ ކުންފުނީގެ މުވައްޒަފުންގެ އިލްމާއި ތަޖުރިބާގެ ބޭނުން ހުރިހާ ދާއިރާއެއްގައިވެސް ހިފާނެ ކަމަށް ފަހްމީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުން ލައްވައި ގައުމަށް ހިދުމަތްކޮށްދޭން. ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ގައުމަށް ފައިދާ ކުރަންވާނެ. އާދައިގެ ގޮތަކަށް ނޫން. އިންތިހާއަށް ފައިދާ ކުރަންވާނެ،" ސްޓެލްކޯގެ މުވައްޒަފުންނާ އެކު ބޭއްވި ޖަލްސާއެއްގައި ފަހްމީ ވިދާޅުވި އެވެ.

ސްޓެލްކޯގެ މުވައްޒަފުން އެމީހުންގެ ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ގައުމުގެ މުހިއްމު މަސައްކަތްތަކުގައި ބައިވެރިވެ ނާތީޖާ ނެރެމުން ދިއުމަކީ ބަލައިގަންނަންޖެހޭ ކަމެކެވެ. އެގޮތުން މާލޭގެ ހުކުރު މިސްކިތުގެ މުންނާރު އާބާތުރަ ފިލުވައިދީ ދިވެހި ތާރީހް ދިރުވުމަށް ސްޓެލްކޯގެ މުވައްޒަފުން ކުރަނީ ޝުކުރު ހައްގު މަސައްކަތެކެވެ. ކަޅުއޮށްފުންމި މަރާމާތު ކުރުމުގެ މަސައްކަތުގައިވެސް ސްޓެލްކޯގެ ހިއްސާ ބޮޑެވެ.

ކ. ތުލުސްދޫގައި ހަދަމުންދާ ސްޓެލްކޯގެ މެކޭނިކަލް ޓްރެއިނިން ސެންޓަރު ޑިޒައިންކޮށް އިމާރާތް ކުރަނީވެސް ސްޓެލްކޯގެ މުވައްޒަފުން ކަމަށްވާތީ އެ މުވައްޒަފުންގެ ހުނަރު އެކި ދާއިރާތަކުން އެދަނީ ދައްކަމުންނެވެ.

ތުލުސްދޫގައި ހަދަމުންދާ މެކޭނިކަލް ޓްރެއިނިން ސެންޓަރު މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން މީހުން ބިނާކުރަން އެންމެ ފަހުގެ ވަސީލަތްތަކާ އެކު ގާއިމުކުރާ ތަނަކަށްވާތީ އެ ދާއިރާ އިން އިންގިލާބީ ބަދަލެއް ގެނައުމަކީ ސްޓެލްކޯގެ އަމާޒެކެވެ. ސްޓެލްކޯ އަކީ މުވައްޒަފުންގެ އިނޮވޭޓިވް ހިޔާލުތަކަށްވެސް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކުންފުންޏެކެވެ. ހާއްސަކޮށް އިއާދަކުރަނިވި ހަކަތައިގައި ދާއިރާ އިން އާ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒު ކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ގެންދަނީ އެމީހުންގެ ހުނަރާއި ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންކުރަމުންނެވެ.

ސްޓެލްކޯގެ ބިޒްނަސް ސެންޓަރަކީވެސް ތަފާތު މޮޅު ޑިޒައިނެއް ފެނިގެންދާ އެ ކުންފުނީގެ މުވައްޒަފުންގެ ވަރަށް ފުރިހަމަ މަސައްކަތެކެވެ.

ސްޓެލްކޯ އިން ދަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ލިބިފައިވާ އިލްމާއި ހުނަރުތައް އެހެން މީހުންނާ ހިއްސާކޮށް މުޅި ގައުމަށް ލާބައާއި މަންފާ ލިބޭ ގޮތަށްވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕޮލިޓެކްނިކްގައި ކިޔަވާ ދަރިވަރުންނަށް "އިންޑަސްޓްރިއަލް އެކްސްޕީރިއަންސް"ގެ ފުރުސަތު ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ބިނާކުރުމާއި ގުޅޭ އެކިއެކި ކަންކަމުގައިވެސް ސްޓެލްކޯ އިން ޕޮލިޓެކްނިކަށް އެހީވެ އެވެ. އަދި ސްޓެލްކޯއާއި ދާދި އެއްކަހަލަ މަސައްކަތްތަކެއް ކުރަމުންދާ ފެނަކަ ކޯޕަރޭޝަނަށްވެސް ސްޓެލްކޯގެ މުވައްޒަފުން އެމީހުންގެ އިލްމާއި ތަޖުރިބާ ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދެ އެވެ.

"ކުންފުންޏަށް ބަދަލު ގެންނަންޖެހޭ ވަގުތު އަތުވެއްޖެ. އެ ބަދަލަކީ މިއައްވުރެ ބޮޑު ކުރިއެރުންތަކެއް ހޯދުން. އެ ކުރިއެރުންތައް ހޯދޭނެ. އަޅުގަނޑު މިހިރީ ހޯދައިދޭން ތިބޭފުޅުންނާއިއެކު މަސައްކަތް ކުރަން. އަޅުގަނޑު މަސައްކަތް ކުރާނީ ތިހުރިހާ ބޭފުޅުން ގޮވައިގެން އެ ބަދަލު ގެނައުމުގެ ރޫހުގައި،" މުވައްޒަފުންގެ ކުރިއެރުމަށް ވަރަށް ބޮޑު ހިތްވަރެއް ދެއްވަމުން ގެންދަވާ އެމްޑީ ފަހްމީ ވިދާޅުވި އެވެ.

މުވައްޒަފުން ބިނާ ކުރުމާއި މުވައްޒަފުންގެ ހުނަރު ހިއްސާކުރުމުގައި ސްޓެލްކޯ އިން ނަމޫނާ ކުންފުންޏެކެވެ. މުވައްޒަފުންގެ ކުރިއެރުމަށް ސްޓެލްކޯ އިން ކުރާ މަސައްކަތްތަކާ އެކު އެ ކުންފުންޏަކީ ރާއްޖޭގެ އެންމެ ރަނގަޅު ކުންފުންޏަށް ހެދޭނެ ކުންފުންޏެކެވެ.