ޔުމްނު ވެއްޓުން

ރިޔާސީ ކޮމިޝަނުން ހަބީބް އިސްތިއުފާ ދެއްވައިފި

ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުނ ްވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަންގެ މެންބަރު އަދި މަޝްހޫރު ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބް އިސްތިއުފާ ދެއްވައިފި އެވެ.

ރިޔާސީ ކޮމިޝަން އުފެއްދެވިތާ ތިން ދުވަސް ތެރޭގައި ހަބީބް އިސްތިއުފާ ދެއްވާފައި މިވަނީ ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ)ގެ މަންމައާއި ހަބީބްއާ އާއިލީ ގޮތުން ގުޅިފައިވާތީ ކަމަށް މައުލޫމާތު ލިބެ އެވެ.

ރައުދުގެ މަންމައާއި ހަބީބް އަކީ އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ ދެ މީހުންނެވެ.

މީގެއިތުރުން ޔުމުން ވެއްޓުނު މައްސަލައިގައި ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރުގެ މަންމަ ހާލާ ހަމީދާއި ޑރ. ހަބީބަކީ ކްލާސްމޭޓުން ކަމަށްވެސް އެނގިފައިވެ އެވެ.

ރިޔާސީ ކޮމިޝަންގައި ހަބީބްގެ އިތުރުން ރައީސް މުއިއްޒު ހިމަނުއްވާފައިވަނީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު އެވެ.

ރައީސް ގަރާރަކުން އުފެއްދެވި ކޮމިޝަނަށް ގާނޫނީ ބޮޑެތި ބާރުތަކެއް ދެއްވުމަށްފަހު ކޮމިޝަންގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ ޑރ. މުނައްވަރު އެވެ.

މައްސަލައިގައި ހިމެނޭ މީހުން

  • އިޖާޖާ ޖާއިޒް - ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
  • އިޒުދިޔާން މުހައްމަދު މައުމޫން - މއ. މާންދޫގެދެކުނުގެ
  • ޔޫސުފް އަހްމަދު އަކްރަމް - މއ. މާންދޫގޭދެކުނުގެ
  • އާއިޝަތު ލަޔާލީ އިގުބާލު - ގ. ނޯތުބްރީޒް
  • ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
  • އާމިނަތު ޖުނެއިނާ ޖަމްޝީދު - މ. ތިލަފަޅު
  • ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
  • ހުސައިން ހަމީސް އަލީ، ނ. ވެލިދޫ، އަހި

މިގުރޫޕްގެ އެންމެން މިމަހުގެ 18 ވިލޭރޭ މެންދަމުން 12:00 އާއި 12:30އާ ދެމެދުގެ ވަގުތެއްގައި އެންމެ ފުރަތަމަ ވަދެފައިވަނީ މއ. މާންދޫގެދެކުނުބަޔަށެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ އޭނާގެ އާއިލީ ގެ އެވެ.

މިމައްސަލައިގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު ވަނީ މިމައްސަލަ ސީރިއަސްކޮށް ބަލާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ސީޕީ އޭރު ވިދާޅުވި ގޮތުގައި ޔުމްނު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:30 ހާއިރު އެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނީ އެ ދުވަހުގެ ހެނދުނު 8:00 ހާއިރު ކަމަށާއި ވެއްޓިފައި އޮތީ ކާކުކަން ދެނެގަތުމަށް ވަގުތުތަކެއް ނެގި ކަމަށްވެސް ވިދާޅުވި އެވެ.

ކޮމިޝަނާ ވަނީ މިމައްސަލައިގައި ހިމެނޭ ބައެއް ޒުވާނުންނަކީ ސިޔާސީ ބޭފުޅުންގެ އާއިލާތަކަށް ނިސްބަތްވާ ބަޔަކަށްވީ ނަމަވެސް މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.