ނިއުރޭޑިއަންޓް

ނިއުރޭޑިއަންޓް އަލުން ދިވެހި ފުޓްބޯޅައިގެ ތެރެއަށް

ފާއިތުވި އަހަރުތަކުގައި ދިވެހި ފުޓްބޯޅައިގެ މައިދާނަށް އައިސްފައިވާ ބަދަލުތަކާއެކު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އަލުން ވާދަވެރި ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވުމުގެ މަސައްކަތް ފަށައިފި އެވެ.

ނިއުގެ އާ ޗެއާމަން އަދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވިދާޅުވީ ނިއުރޭޑިއަންޓާއި، ވިކްޓްރީ އަދި ވެލެންސިޔާ ފަދަ ކުލަބުތަކަކީ ދިވެހި ފުޓްބޯޅައިގެ ރޫޙް އާލާކޮށް، ދަނޑުތަކަށް ސަޕޯޓަރުން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރާ ކުލަބުތަކެއް ކަމަށެވެ.

"ނިއުރޭޑިއަންޓްގެ ޖާޒީއަކީ ވަރަށް ގިނަ ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ބަރުދަން ހުރި ޖާޒީއެއް. ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ސަޕޯޓަރުން ތިބި ކުލަބަކީ ނިއުރޭޑިއަންޓް. ފުޓްބޯޅަ ދަނޑުތަކަށް އައިސްފައިވާ ހީނަރުކަން އަލުން ބަދަލުކުރެވޭނީ މިފަދަ ކުލަބުތައް އެނބުރި އައިސްގެން" މުބީން ވިދާޅުވި އެވެ.

ނިއުރޭޑިއަންޓުން މިހާރު ވަނީ އައު ސްކޮޑެއް އިއުލާންކޮށް، އެ ސްކޮޑާއި ކޯޗިން ސްޓާފުންނަށް ޖާޒީ ހަވާލުކޮށްފަ އެވެ.

ނިއުގެ އައު ސްކޮޑުގައި ހިމެނެނީ ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ ޑިވިޝަނުން ފެނިފައިވާ ތަޖުރިބާކާރު ކުޅުންތެރިންނާއި، މިދިޔަ އަހަރު ބޭއްވި ގޯލްޑް ކަޕްގައި ފާހަގަކުރެވުނު ހުނަރުވެރި ކުޅުންތެރިންނެވެ.

ހެޑް ކޯޗުގެ މަގާމަށް އާދަމް އަބްދުއްލަޠީފް (ލައްޗޭ) ހަމަޖައްސައި، ހޯމަ ދުވަހު ހަވީރު ހެންވޭރު ދަނޑުގައި ކުލަބުގެ ފުރަތަމަ ފަރިތަކުރުން ބާއްވާފައިވެ އެވެ.

ނިއުރޭޑިއަންޓްގެ އާ ސްކޮޑާއި ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުޙައްމަދު (އިންމަ) ބުނީ އުދަނގޫ މި ހާލަތުގައިވެސް ދިވެހި ފުޓްބޯޅަ ކުރިއަށް ގެންދިއުމަށްޓަކައި ނިއުރޭޑިއަންޓުން ކުރާ މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށެވެ.

"ކުރިއަށް މިއޮތީ ވަރަށް ބުރަ މަސައްކަތުން ދިވެހި ފުޓްބޯޅަ ނަގައި ކޮޅަށް ޖަހަންވީ ވަގުތު،" އިމްރާން ވިދާޅުވި އެވެ.

ކުލަބުގެ ފައުންޑާ ކުއީން ވަހީދު ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ސްކޮޑާ މެދު އިތުބާރު އެބައޮތް ކަމަށާއި އުއްމީދަކީ ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކޮށް އަލުން ފުރަތަމަ ޑިވިޝަނަށް ކުލަބު ގެންދިއުން ކަމަށެވެ.