ދުނިޔެ

ހޫސީންގެ ހަމަލާތަކުން ރެކެނިކޮށް އެމެރިކާގެ ފައިޓަރު ޖެޓެއް ކަނޑަށް

ހޫސީންގެ ހަމަލާތަކުން ސަލާމާތްވާން އުޅެނިކޮށް އެމެރިކާގެ ފައިޓަރު ޖެޓެއް، މަތިންދާބޯޓު އުފުލާ މަނަވަރަކުން ކަހާލައިގެން ކަނޑަށް ވެއްޓި ގެއްލިއްޖެ އެވެ. ސީއެންއެންއިން ބުނި ގޮތުން ފައިޓަރު ޖެޓު ކަނޑަށް ވެއްޓުމާ އެކު ވަނީ ބޮކިޖަހާފައި އަޑިއަށް ގޮސްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފައިޓަރު ޖެޓު ކަނޑަށް ވެއްޓެން މެދުވެރިވި ސަބަބަކީ، މަތިންދާބޯޓު އުފުލާ މަނަވަރަށް ޖައްސަން އުޅުމުގެ ތެރޭގައި ހޫސީން ހަމަލާދިނުމެވެ. ހޫސީންގެ މި ހަމަކާއާ ގުޅިގެން މަތިންދާބޯޓު އުފުލާ މަނަވަރު އޮތް ތަން ކޮންވެސް ވަރަކަށް ބަދަލުކުރަން ޖެހުމުން ފައިޓަރު ޖެޓު ކައްސާލައިގެން ކަނޑަށް ވެއްޓުނީ އެވެ.

އެމެރިކާގެ ކަނޑުގެ ސިފައިން ރަތް ކަނޑުގައި ހަރަކާތްތެރިވަމުން ދާއިރު، ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ ހަނގުރާމަވެރިންގެ ފަރާތުން ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

ހޫސީންގެ ހަމަލާތަކުގައި އެމެރިކާ ސިފައިން ބޭނުންކުރާ އެންމެ އަގުބޮޑު ޑްރޯންތަކެއް ވެސް ވަނީ ވައްޓާލާފަ އެވެ. ހޫސީން ވައްޓާލި ކަމަށް ބުނާ ޑްރޯނެއްގެ އަގަކީ 58.5 މިލިއަން ޑޮލަރެވެ.

މަތިންދާބޯޓު އުފުލާ މަނަވަރުން ކައްސާލައިގެން ކަނޑަށް ވެއްޓުނު ފައިޓަރު ޖެޓުގެ އަގަކީ 60 މިލިއަން ޑޮލަރެވެ.

އެމެރިކާގެ އަސްކަރީ އާލާތްތަކަށް ހޫސީންގެ ކިބައިން ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއީ ބަލިވުމެއް ކަމަށް އެމެރިކާ ގަބޫލެއް ނުކުރެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުން، ހޫސީންގެ ކިބައިން ރަތްކަނޑު މިނިފަންކުރުމަކީ އެމެރިކާއަށް ވާޖިބެކެވެ. ބައިނަލްއަގްވާމީ އުޅަނދުފަހަރަށް ރަތްކަނޑުގައި، ބިރެއް ނެތި ދަރުރުކުރެވެން ޖެހޭނެ ކަަމަށް ޓްރަމްޕް ވިދާޅުވި އެވެ.