މުހައްމަދު އަމީން

އމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިމައްސަލަ މިއަދު މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ތިއްބެވި 12 މެންބަރުންގެ ސޮޔާ އެކު އެވެ.

އެމްޑީޕީން މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި މިވަނީ ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯ އިން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި އެތައް ބަޔަކު އަމީންއަށް ތުހުމަތުތަކެއް ކުރަމުން ދަނިކޮށެވެ.

ހ. ފެންޓެނޯއީގެއަށް ޔުމްނު ވަނުމުގެ ކުރިން އެރޭ މެންދަމުގެ ވަގުތުގައި އޭނާއާ އެކު އެހެން ބަޔަކު ވަނީ މިނިސްޓަރު އަމީން ދިރިއުޅުއްވާ މއ. މއ. މާންދޫގޭދެކުނުގައި ޕާޓީކޮށްފަ އެވެ.

އެމްޑީޕީން ހުށަހަޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނެފައިވަނީ މިމައްސަލައިގައި އަމީންގެ އާއިލީ ބަޔަކު ހިމެނޭތީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާއަށް ކަންތައްތަކެއް ކުރައްވާފައިވާ ކަމަށާއި އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.

ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގެއާ ޖެހިގެން ހުރި ހ. މިޓާޒްގޭގައި ހަދާފައި ހުރި ގުދަނެއްގެ ފުރާޅު މައްޗަށެވެ. އޭނާއަށް ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދިނުމަށް މިހާރު ވަނީ މެލޭޝިއާއަށް ގެންގޮސްފަ އެވެ.

އަމީންގެ އިސްތިއުފާއަށް އެތައް ބަޔަކު ގޮވަމުންދާއިރު މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާތީ އިސްތިއުފާ ނުދެއްވާނެ ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.