ސަންވޭ ގްރޫޕުގެ ފައުންޑަ އަދި ޗެއާމަން ޑރ. ޖެފްރީ ޗެއާ އޭއޯ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން މިއަދު ކުރިއަށް ދިޔައީ ރައީސް މުއިއްޒު މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަންވޭ ގްރޫޕާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. އެގޮތުން ރައީސް މުއިއްޒު ވަނީ ވަޒީފާ އަދާކުރަމުން އިތުރު ތަމްރީނު ހޯދުމުގެ މުހިއްމުކަން ހިއްސާކުރައްވައި ރާއްޖޭގެ ގައުމީ ޔުނިވަސިޓީއާއި ގުޅިގެން މިފަދަ ތަމްރީންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާފަ އެވެ. އަދި ފަތުރުވެރިކަމާއި ތައުލީމާއި ސިއްހީ ދާއިރާގައި ހުރި އެކިއެކި ފުރުސަތުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ޑރ. ޖެފްރީ ޗެއާ އޭއޯ ވަނީ ސަންވޭ ގްރޫޕްގެ އޮޕަރޭޝަންތަކާއި ތަޖުރިބާ ހުރި ދާއިރާތަކުގެ ތަފްސީލު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފަ އެވެ. އަދި ސަންވޭ ގްރޫޕުގެ ފަރާތުން ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތުތައް ހުރި ގޮތާއި، ފޮރިން އިންވެސްޓަރުންނަށް ހުޅުވިފައިވާ ހާއްސަ ފުރުސަތުތަކާއި، ޓެކްސްގެ ސިޔާސަތާއި، ވިސާއާއި ބެހޭ މައުލޫމާތާއި، ފައިސާގެ މުއާމަލާތްތަކާއި އަދިވެސް އެހެނިހެން ގުޅުންހުރި ކަންކަމުގެ މައުލޫމާތު ސާފުކުރައްވާފަ އެވެ.
މީގެއިތުރުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމުގެ ޝައުގުވެރިކަން ޑރ. ޖެފްރީ ފާޅުކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވައި، ރަސްމާލޭ މަޝްރޫއާއި، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ހިއްސާކުރައްވާފަ އެވެ. އަދި ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތަކާއި، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރާއި، މިހާރު ކުރިއަށްދާ އިރުގެ ހަކަތައިގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތުވެސް ހިއްސާކުރެއްވި އެވެ. މިދިޔަ ޑިސެމްބަރު މަހު ވުޖޫދަށް ގެނެވުނު މޯލްޑިވްސް ފޮރިން އިންވެސްޓްމަންޓް ގާނޫނާއެކު އިންވެސްޓަރުންނަށް، ދެމެހެއްޓެނިވި ފައިދާތައް ލިބެނިވި ފަހި މާހައުލެއް ރާއްޖޭގައި މިހާރު އެބައޮތް ކަމަށްވެސް ވަޒީރުން ވިދާޅުވި އެވެ.