މުސްލިމުން މާޒީގައި ހޯދި ކާމިޔާބީތަކާއި ކުރިއެރުންތައް އަލުން ހޯދުމަށްޓަކައި އިސްލާމީ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
ރައީސް މުއިއްޒު މިކަމަށް ގޮވާލެއްވީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އިން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ތަގުރީރު ގައެވެ.
ރައީސްގެ ތަގުރީރުގައި ވިދާޅުވީ މުސްލިމު އިލްމުވެރިންނަކީ ފާހަގަކުރެވޭ އެތައް ކާމިޔާބީއެއް މާޒީގައި ހާސިލްކުރައްވާފައިވާ ބޭފުޅުން ކަމަށާއި ދުނިޔެ މިއަދު ދެކޭ ކުރިއެރުންތަކުގެ އަސްލަކީ އެ ބޭފުޅުންގެ މަސައްކަތްތައް ކަމަށެވެ. އިސްލާމްދީނުގައި އުނގެނުމަށް އިސްކަންދީފައިވާ މިންވަރު ތާރީހުން ހެކިދޭ ކަމަށްވެސް ވިދާޅުވި އެވެ.
މުސްލިމުން އަލުން ކުރިއެރުން ބޭނުންވާނަމަ މާޒީގައި މުސްލިމު އިލްމުވެރިން ކުރި މަސައްކަތް ދެނެގަނެ ކަނޑިއަށް ވުރެ ގަލަމުގެ ބާރު ދައްކަންޖެހޭ ކަމަށެވެ. ޒުވާނުންގެ ހިތްތަކުގައި އިސްލާމީ ހަޟާރަތަށް ލޯބި ޖައްސައި އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ބަދަހިކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"މިމަސައްކަތުގައި ޔުނިވަސިޓީތަކާއި ރިސާޗް ސެންޓަރުތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކަށް އިންވެސްޓް ކުރަން އެބަޖެހޭ. ދުނިޔޭގައި ކެންސާ ރިސާޗާއި އޭއައި އާއި ކްލައިމެޓް ޓެކްނޮލޮޖީގައި ކުރިއެރުންތައް ހޯދަމުންދާ މުސްލިމުންގެ ވާހަކަތައް ކިޔައިދޭން އެބަޖެހޭ. އެއީ ނަމޫނާ މީހުންގެ ގޮތުގައި ޒުވާނުން ދައްކަންޖެހޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތައުލީމު ހޯދުމުގައި އިސްލާމް ދީނުގައި އެއްވެސް އިމެއް ނެތް ކަމަށާއި އެހެންކަމުން ކޮންމެ މުސްލިމު ކުއްޖަކަށްވެސް އުނގެނުމުގެ ފުރުސަތު ހޯދައިދޭންޖެހޭ ކަމަށެވެ. އޯއައިސީ ފަދަ މުސްލިމުންގެ ޖަމިއްޔާތަކުން އިސްލާމީ އުއްމަތް އެކަތިގަނޑަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ފަލަސްތީން ރައްޔިތުންގެ ހައްގުގައި އަޑުއުފުލައި ޔަހޫދީ އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.