ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު 61،000 އަށްވުރެ ގިނަ އެނދު ބޭނުންކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު ހިންގަމުންދާ 1،170 ތަނެއްގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 61،713 އެވެ. މިއަދަދަކީ މިއަހަރުގެ މިހާތަނަށް ހުރި އެނދުގެ އަދަދެވެ.
މީގެ ތެރޭގައި 172 ރިސޯޓުގައި ހުރި 42،085 އެނދާއި، 825 ގެސްޓުހައުސްގައި ހުރި 14،138 އެނދާއި، 157 ސަފާރީގައި ހުރި 3،180 އެނދުގެ އިތުރުން 15 ހޮޓެލްގައި ހުރި 2،310 އެނދު ހިމެނެ އެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް 1،271 ތަނެއް ދިޔައީ ބޭނުންކުރަމުންނެވެ. މި ތަންތަނުގައި ހުރި އެނދުގެ އަދަދަކީ 63،248 އެވެ.
ރާއްޖެއަށް ހޯމަ ދުވަހުގެ ނިޔަލަށް ޖުމްލަ 817،782 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 70.3 ޕަސެންޓް -- 575،043 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ.
ގެސްޓްހައުސްތަކުގައި 197،243 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 24،322 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.