ޗައިނާއަށް އެމެރިކާއާ އެކު ޑީލެއް ހެދޭނީ ބޮޑާކަން ދޫކޮށްލައި، ތިމަންމެންނަކީ ވަރައިގެ ޒަރިއްޔާއިން އުދުހެވޭ ބައެއް ނޫންކަން ގަބޫލުކުރެވުނު ދުވަހަކުން ކަމަށް ޗައިނާގެ އިގުތިސާދާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ވިޔަފާރީގައި މަކަރުހެދުމާއި ޖެއްސުންކުރުން ފަދަ ނާތަހުޒީބު އާދަތައް އެމެރިކާގެ ކިބާގައި ވަރަށް ބޮޑަށް އަށަގެންފައިވާ ކަމަށްވެސް ޗައިނާއިން ބުންޏެވެ.
ޗައިނާ އޮތީ ދުނިޔޭގެ ތަހުޒީބީ ފަޅީގައި ކަމަށާއި، ވިޔަފާރީގެ ގުޅުން ބަދަހިކުރަން އެމެރިކާ އެދޭ ނަމަ އޮތް ގަޮތަކީ ދުނިޔޭގައި އެހެން ބަޔަކުވެސް އުޅޭކަން ގަބޫލުކުރުން ކަމަށް ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވި ގޮތުން ޗައިނާ އޮތީ، އެ ގައުމަށް އިހުތިރާމްކުރާ ކޮންމެ ބަޔަކާ އެކު ދެމެހެއްޓެނި ގޮތުގައި ގުޅުން ބަދަހިކުރާ ގޮތަށެވެ.
ދެ ގައުމު ދެގައުމަށް ޓެކްސް ބޮޑުކޮށް ޖެއްސުންކުރުމުން ދުރުހެލިވެގެން ނޫން ގޮތަކަށް ވިޔަފާރީގައި އަދި އެހެނިހެން ދާއިރާތަކުގައި ގުޅުން ބަދަހިނުކުރެވޭނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ޗައިނާ އަކީ ދުނިޔޭގައި ހަމަނުޖެހުން އުފައްދާނެ ގައުމެއް ނޫން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ނަމަވެސް، ޗައިނާއަށް ޖެއްސުންކުރާ ބަޔަކަށް ދޫނުކުރާނެ ކަމަށްވެސް ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވި އެވެ.