ޔޫރަޕުގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޕީއެސްޖީން ކާމިޔާބުކޮށްފި އެވެ.
މި މޮޅާއެކު ޕީއެސްޖީއަށް ވަނީ މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުވެފަ އެވެ.
މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އޮސްމާން ޑެމްބެލޭ ވަނީ ޕީއެސްޖީއަށް ލީޑު ހޯދައިދީފަ އެވެ. މިއީ ކްވިޗާ ކްރަވަޝްކޭލިއާ ދިން ބޯޅައަކުން އޭރިއާ ރޮނގު ކައިރީގައި ހުރެފައި ޑެމްބެލޭ ޖެހި ގޯލެކެވެ. ޑެމްބެލޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
ޕީއެސްޖީއަށް ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖަހަން ޑެސަޔާ ޑޫއޭ ޖެހި ޝޮޓް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.
މި މެޗުގައި ޕީއެސްޖީ މޮޅުކޮށްދިނުމުގައި އެންމެ ބޮޑު ތަފާތެއް ދެއްކީ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އެވެ. އޭނާ ވަނީ އާސެނަލްގެ ގަބްރިއެލް މާޓިނެލީ އާއި ލެއަންޑްރޯ ޓްރޮސާޑް ހުސްކޮށް އަރައި ފޮނުވާލި ބޯޅަތައް ހުއްޓުވާފަ އެވެ. އަދި ދެވަނަ ހާފުގައި އާސެނަލްގެ ބުކާޔޯ ސަކާ ޖެހި ޝޮޓެއް ވެސް ޑޮންނަރުންމާ ވަނީ ހުއްޓުވާފަ އެވެ.
އާސެނަލުން ވަނީ ދެވަނަ ހާފުގައި ގޯލެއް ޖަހާފަ އެވެ. އެކަމަކު އާސެނަލްގެ ޑެކްލަން ރައިސް ނެގި ހިލޭ ޖެހުމެއްގައި، މިކޭލް މެރީނޯ ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމާފަ އެވެ. ދެވަނަ ހާފުގައި ގޯލު ޖަހަން ޕީއެސްޖީގެ ބްރެޑްލީ ބާކޮލާ އާއި ގޮންޒާލޯ ރާމޯސްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
އާސެނަލުން ވަނީ މީގެ ހަތްމަސް ކުރިން ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އަމިއްލަ ދަނޑުގައި 2-0 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ. އެކަމަކު ރޭގެ މެޗުގައި ޕީއެސްޖީ ފެނުނީ މުޅިން ތަފާތުކޮށެވެ. މުބާރާތުގެ ފައިނަލުން ޖާގަ ހޯދަން ބޭނުންނަމަ، ދެވަނަ ލެގުގައި އާސެނަލުން ޕީއެސްޖީ ބަލިކުރަން ޖެހޭނެ އެވެ.