ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
ރައީސް މި މުއިއްޒު މިމަހުގެ 28 ވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގަތުމުން އެ ގައުމުން ވަނީ އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
މިދަތުރުފުޅުގައި ރައީސް ވަނީ މެލޭޝިއާގެ ބޮޑުވަޒީރާ އެކު ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދަވާފަ އެވެ. މިމަޝްވަރާތަކުގައި ރާއްޖެއަށް އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރައްވާފައިވެ އެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ވަނީ ފަސް އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ.
މެލޭޝިއާގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޯލްޑިވްސް - މެލޭޝިއާ ބިޒްނަސް ފޯރަމް ވެސް ރައީސް ވަނީ މިދަތުުރުފުޅުގެ ތެރެއިން ފައްޓަވައިދެއްވާފަ އެވެ. އަދި މެލޭޝިއާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ވެސް ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ.
މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ (އައިއައިޔޫއެމް)ގެ ފަރާތުން ރައީސް މުއިއްޒަށް އެރުވި އޮނަރަރީ ޑޮކްޓްރޭޓްގެ ޝަރަފާވެސް މިދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ހަވާލުވެވަޑައިގެންފަ އެވެ.