ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާގެ ތަހުގީގު މިނިވަންކަމާއެކު ކުރިއަށް ގެންގޮސް މާގިނަ ދުވަސްތަކެއް ހޭދަނުކޮށް ތަހުގީގުގެ ހުރިހާ މަސައްކަތެއް ނިންމާލާނެ ކަމުގައި މިމައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ހާއްސަ ކޮމިޝަނުން ބުނެފި އެވެ.
ޔުމްނާ ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ މިމަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ. އެ ކޮމިޝަން ފުރަތަމަ އުފެއްދެވީ ތިން މެންބަރުންގެ މައްޗަށް ކަމަށްވީ ނަމަވެސް އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައި ފަސް މެންބަރުންގެ މައްޗަށް އަލުން ކޮމިޝަނުން އެކުލަވާލީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ކޮމިޝަންގެ ރިޔާސަތުގައި ބަލަހައްޓަވަނީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު އެވެ. ކޮމިޝަންގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށްފަހު ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުނައްވަރު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ނިންމާލުމަށްފަހު ލަފާ ދޭންޖެހޭ ފަރާތްތަކަށް ލަފާ ދިނުން ލަސްތަކެއް ނުވާނެ ކަމަށެވެ.
ކޮމިޝަންގެ މަސައްކަތް މިނިވަންކަމާއެކު ކުރިއަށްދާނެތޯ ދެންނެވުމުން މުނައްވަރު ވިދާޅުވީ އޭނާގެ މައްޗަށް ނުފޫޒެއް ހިންގޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށާއި އޭނާ ދަންނަ މީހުންނަށްވެސް އެކަން އެނގޭނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް ނުފޫޒެއް އައިސްފިނަމަ ކޮމިޝަނުން އިސްތިއުފާ ދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.
މުނައްވަރު ވިދާޅުވީ ޔުމްނު ވެއްޓުނު މައްސަލައަކީ ރައްޔިތުންގެ މަސްލަހަތު އޮތް ހައްސާސް މައްސަލައަކަށްވާތީ ޔުމްނުގެ އާއިލާ އިން އެދޭ ގޮތަށް އިންސާފުގެ މަގަށް ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ. ކޮމިޝަންގެ ތަހުގީގުން ފާހަގަވާ ކަންކަން ކަމާ ގުޅޭ ފަރާތްތަކަށް ހުށަހެޅުމުން އެކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމާއި ދައުވާކުރަންޖެހޭ ފަރާތްތަކަށް ދައުވާ ކުރުމާއި އަވަހަށް އިންސާފު ލިބުމަކީ ކޮމިޝަނުން ކުރި މަސައްކަތުގެ ހަގީގީ ނަތީޖާ ލިބޭނެ ގޮތް ކަމަށްވެސް ވިދާޅުވި އެވެ.
ތަހުގީގުކުރުމާއި މީހުން ހާޒިރުކުރުމާއެކު ގާނޫނީ ބޮޑެތި ބާރުތަކެއް ރައީސްގެ ގަރާރުގައި ކޮމިޝަނަށް ދީފައިވީ ނަމަވެސް ކޮމިޝަނުން މަސައްކަތް ކުރާނީ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކަމަށް މުނައްވަރު ވިދާޅުވި އެވެ. މިމައްސަލައިގައި ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ތަހުގީގެއް ހިންގައި އެއްވެސް މައުލޫމާތެއް އަދި އެއްވެސް ހެއްކެއް ހޯދާފައިވާނަމަ އެ މައުލޫމާތާއި އެ ތަކެތި ކޮމިޝަނަށް ހޯދާނެ ކަމަށްވެެސް ވިދާޅުވި އެވެ.
"މިމައްސަލައިގައި ހިމެނޭ މީހެއްގެ ބަޔާން ފުލުހަށް ނަގާފައި އޮތިއްޔާ އަޅުގަނޑު ނުދެކެން އެ ބަޔާން ރަނގަޅު ނަމަ އަލުން ނަގަންޖެހޭ ކަަމަކަށް. އެކަމަކު ބަޔާނެއް ނަގަންޖެހޭ މީހެއްގެ ބަޔާން ނުނަގައި އޮތް ނަމަ އަޅުގަނޑުމެން އެ ބަޔާނެއް ނަގާނެ،" އިދާރާތަކާ ގުޅިގެން ކުރަންޖެހުނު ކަމެއް ކުރާނެކަން ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވި އެވެ.
މީގެކުރިންވެސް އެކި މައްސަލަތަކުގައި އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް އާންމުން އިތުބާރު ނުކުރާ މައްސަލައިގައި މުނައްވަރު ވިދާޅުވީ އެކަން ހިނގާފައިވަނީ އެގޮތަށް ކަމަށެވެ. އޭނާ އިސްވެ ހުންނަވާ ގޮތަށް އުފައްދަވާފައިވާ ކޮމިޝަންއަކީ ތަފާތު ކޮމިޝަނެއް ކަމަށް ނުދަންނަވާނެ ކަމަށާއި ނަމަވެސް ތަހުގީގަށް ހޯދަންޖެހޭ ހުރިހާ މައުލޫމާތެއް ހޯދައި މިނިވަންކަމާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
"އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރާނީ އިތުބާރު ލިބޭ ގޮތަކަށް،" މުނައްވަރު ވިދާޅުވި އެވެ.
ކޮމިޝަނުން އަދި މިހާތަނަށް ބޭއްވި އެންމެ ބައްދަލުވުމަކަށްވާތީ އާއި ތަހުގީގުގެ ކުރީކޮޅަށްވާތީ ނޫސްވެރިންގެ ބައެއް ސުވާލުތަކަށް މުނައްވަރު ޖަވާބެއް ނުދެއްވަ އެވެ. އެގޮތުން މިމައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވާ ކަމަށް ކުރާ ތުހުމަތާއި ފުލުހުންގެ އިހްމާލު އޮތް ކަމަށް ކުރާ ތުހުމަތަށް މުނައްވަރު މިއަދު ޖަވާބެއް ނުދެއްވަ އެވެ.