އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގައުމީ ސަލާމަތާ ބެހޭ މަޝްވަރާތަކެއްގައި ކެބިނެޓް ސެކިއުރިޓީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި އެވެ. މިއީ އަވައްޓެރި ޕާކިސްތާންއާ އިންޑިއާއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައި އޮތް ދަަނޑިވަޅެއްގައި ބޮޑުވަޒީރު ރިޔާސަތު ބެލެހެއްޓެވި ސަލާމަތީ ބައްދަލުވުމެކެވެ.
އިންޑިއާއާ ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އުފެދި ހަމަލާ ބަދަލުކުރާ ހިސާބަށް ގޮސްފައި މިވަނީ، ކަޝްމީރުގެ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާއެއްގައި 26 މީހަކު މަރާލުމާ ގުޅިގެންނެވެ.
ކެބިނެޓް ސެކިއުރިޓީ ކޮމިޓީގެ ބައްދަލުވުމަށް ފަހު ބޮޑުވަޒީރު މޯދީ ސަރުކާރުގެ މައި ކެބިނެޓާ ވެސް ބައްދަލުކުރައްވާނެ އެވެ. މިއީ ޕަހަލްގާމުގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުލަތުން އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނާތު ސިންގްއާ ވެސް ވަކިން ބައްދަލުކުރައްވާފަ އެވެ. އަދި އަސްކަރިއްޔާގެ ވެރިން އަދި ޒިންމާދާރު އޮފިޝަލުން ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.
ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރާ ހަވާލާދީފައި ހުރި ޚަބަރުތައް ބުނާ ގޮތުން، އިންޑިއާއިން ދީފާނެ ހަމަލާއަކަށް ޕާކިސްތާން އޮތީ ތައްޔާރަށެވެ. ނަމަވެސް، އިންޑިއާއާ އެކު ހަނގުރާމަކުރުމަކީ ފަސޭހަ ކަމަކަށް އަދި ރައްކާޓެރި ކަމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނުން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިންޑިއާއިން ޕަާކިސްތާނަށް ހަމަލާދޭނެ އެވެ. ހަމަލާދޭނެ ވަގުތާއި، ދަރަޖަ އެއްވެސް ބަޔަކަށް އަދި ނޭނގެ އެވެ.
މަސްރަހު ފިނިކުރުމަޓަކައި އިންޑިއާ އަދި ޕާކިސްތާނުން ވެސް ދަނީ ކަމުވޮށިގެންވާ ގައުމުތަކާ އަދި ޖަމާއަތްތަކާ މަޝްްވަރާކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުން ވަނީ ދެ ގައުމުގެ ވެރިންނާ މަޝްވަރާ ފަށާފަ އެވެ. އަދި ދެ ގައުމުގެ ވެރިންނަށް ފޯނުން ގުޅައި، ހާލަތު އިތުރަށް ގޯސްވެދާނެ އެންމެހައި ކަމަކުން ދުރުވުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.