ފަލަސްތީންގެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ބަންޑާރަނައިބު އަލްއުސްތާޒު އަހްމަދު އުޝާމް މާދަމާ ބަޔާން ދެއްވުމަށް ހަމަޖެހިއްޖެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ އުޝާމް ބަޔާން ދެއްވުމަށް ހަމަޖެހިފައިވަނީ އިޒުރޭލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައ،ި އދ އާއި އެހެނިހެން ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ތިބުމާއި އެބިންތަކުގައި އެފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިޒުރޭލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ކުރިއަށްދާ އަޑުއެހުންތަކުގައި ކަމަށެވެ.
މި މައްސަލައަކީ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ފަލަސްތީނުގެ އާއްމު ރައްޔިތުންނަށް ދެމުންގެންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ އދގެ ޖަމިއްޔާ ޔޫއެންޑީއާރްޑަބްލިއުއޭގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި އިޒުރޭލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އިޒުރޭލުން ހަމަލާތައް ދެމުންދާތީވެ، އެ ގައުމުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭއަށް އިޝްތިސާރީ ލަފައަކަށް އެދި ހުށަހެޅުމަށް އދގެ އާންމު މަޖިލީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ފާސްކުރުމަށް ހުށަހަޅާފައިވާ މައްސަލަ އެކެވެ.
މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ވަނީ ލިޔުމުން ބަޔާނެއްވެސް ހުށަހަޅާފަ އެވެ.
އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ޖަރީމާތަކާ ގުޅިގެން އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައިގެ ތެރެއަށްވެސް ރާއްޖެއިން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ތަދައްޚުލް ވެފަ އެވެ.