މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރު 997.7 މިލިއަން ޑޮލަރު ވިއްކައިފި އެވެ.
އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން އެމްއެމްއޭ އިން ވިއްކި ޑޮލަރުގެ ތެރެއިން 65.3 ޕަސެންޓް ޑޮލަރު ވިއްކާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް -- ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ތަކަށެވެ.
އެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 651.8 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.
މީގެ އިތުރުން އެމްއެމްއޭ އިން ބޭންކްތަކަށް މިދިޔަ އަހަރު 346 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ވިއްކާ 500 ޑޮލަރުވެސް ހިމެނެ އެވެ.
އެމްއެމްއޭ އިން 2023 ވަނަ އަހަރު ވިއްކީ 995 މިލިއަން ޑޮލަރެވެ.
އެމްއެމްއޭ އިން 2023 ވަނަ އަހަރު ވިއްކި ޑޮލަރުގެ ތެރެއިން 69 އިންސައްތަ ޑޮލަރު ވިއްކާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެއީ 687.8 މިލިއަން ޑޮލަރެވެ. އަދި ބޭންކްތަކަށް އެ އަހަރު 307.6 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.