ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ބަޖެޓުން މި އަހަރު 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ހަރަދު ހުރީ 13.6 ބިލިއަން ރުފިޔާގަ އެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 14.8 ބިލިއަން ރުފިޔާގަ އެވެ.
ލޯނުތައް ދެއްކުމަށް މި އަހަރު 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދައްކަން ހޭދަކުރީ 931.9 މިލިއަން ރުފިޔާ އެވެ.
ލޯނު ދެއްކުމަށް ކުރި ހޭދަ އިތުރުވި ނަމަވެސް ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ދަށްވެފަ އެވެ.
ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު - 24 އެޕްރީލްގެ ނިޔަލަށް
- މުސާރަ، އިނާޔަތް އަދި ޕެންޝަން: 2025 - 3.7 ބިލިއަން ރުފިޔާ | 2024 - 3.3 ބިލިއަން ރުފިޔާ
- އިދާރީ އަދި ހިންގުމުގެ ހަރަދު: 2025 - 5.9 ބިލިއަން ރުފިޔާ | 2024 - 6.5 ބިލިއަން ރުފިޔާ
- ކެޕިޓަލް ހަރަދު: 2025 - 804.5 މިލިއަން ރުފިޔާ | 2024 - 3.2 ބިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ މި އަހަރު އިތުރުވެފަ އެވެ.
އެ ގޮތުން މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 12.3 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 11.6 ބިލިއަން ރުފިޔާ އެވެ.
އާމްދަނީ - 24 އެޕްރީލްގެ ނިޔަލަށް
- ޓެކްސް އާމްދަނީ: 2025 - 9.5 ބިލިއަން ރުފިޔާ | 2024 - 9.4 ބިލިއަން ރުފިޔާ
- ޓެކްސް ނޫން އާމްދަނީ: 2025 - 2.8 ބިލިއަން ރުފިޔާ | 2024 - 1.9 ބިލިއަން ރުފިޔާ
- ހިލޭ އެހީ: 2025 - 76.3 މިލިއަން ރުފިޔާ | 2024 - 208.2 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މި އަހަރުގެ މި މުއްދަތުގައި ބަޖެޓް ޕްރައިމަރީ ބެލެންސް ހުރީ 3.5 ބިލިއަން ރުފިޔާ އަރަނީގަ އެވެ. އަދި އޯވަރޯލް ބެލެންސް މި އަހަރުގެ މި މުއްދަތުގައި ހުރީ 1.9 ބިލިއަން ރުފިޔާ އަރަނީގަ އެވެ.