އެސްޓީއޯ

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީ 4 ބިލިއަނަށް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު އާމްދަނީ ވަނީ 4.6 ޕަސެންޓް އިތުރުވެފަ އެވެ.

އެސްޓީއޯއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބުނެވެ.

މާލީ ހިސާބުތަކަށް ބަލާއިރު އޮޕަރޭޓިން ޕްރޮފިޓް -- ހިންގުމުގެ ފައިދާގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 263 މިލިއަން ރުފިޔާ ލިބުނެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާ ހުރީ 206 މިލިއަން ރުފިޔާގަ އެވެ. ޓެކުހަށް ކެނޑުމަށްފަހު ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 168.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.