ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ފޯރިގަދަ ކުޅުމަކަށްފަހު ބާސެލޯނާއާއި އިންޓަ މިލާނުގެ މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ 30 ވަނަ ސިކުންތުގައި އިންޓަ މިލާނުގެ މާކަސް ތުރާމް ވަނީ ލަނޑެއް ޖަހާ ބާސެލޯނާއަށް ސިހުން ގެނުވާފަ އެވެ. ޑެންޒެލް ޑެމްފްރައިސް ހުރަސް ކުރި ބޯޅަ "ބެކްހީލް" އަކުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ތުރާމް ލަނޑު ޖެހިއިރު މިއީ ޗެމްޕިއަންސް ލީގުގެ ތާރީހިގައިވެސް ސެމީ ފައިނަލެއްގައި ލަނޑެއް ޖެހި އެންމެ އަވަސް ވަގުތެވެ. އަދި އޭގެ 20 މިނިޓު ފަހުން ޑަމްފްރައިސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނަމަވެސް މެޗުގެ 24 ވަނަ މިނިޓުގައި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ އޭނާގެ ފެންވަރު ދައްކާލާ ލަނޑެއް ކާމިޔާބުކޮށް ބާސެލޯނާއަށް އުއްމީދު ގެނުވާފަ އެވެ. އިންޓަ މިލާނުގެ ގިނަ ކުޅުންތެރިންތަކެއް ކައިރިން ނައްޓާލުމަށްފަހު ލަމީން ޔަމާލް ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ގޯލުގެ ތެރެއަށް ވަންއިރު އިންޓަ މިލާނުގެ ކީޕަރު ޔާން ސޮމާއަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.
މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ އުމުރުން 17 އަހަރުގެ ލަމީން ޔަމާލް މިއީ ބާސެލޯނާއަށް ކުޅެދިން 100 ވަނަ މެޗެވެ. އަދި މި މެޗުގައި އޭނާ ޖެހި ލަނޑާއެކު ބާސެލޯނާއަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު 22 އަށް އަރާފައިވާއިރު އޭނާ ވަނީ 33 ލަނޑު ޖަހަން މަގު ތަނަވަސްކޮށްދީފަ އެވެ. ލަމީން ޔަމާލް މި މެޗުގައި ލަނޑެއް ޖަހާފައިވާއިރު އޭނާ ފޮނުވާލި އިތުރު ދެ ހަމަލައެއް ވަނީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ބާސެލޯނާގެ ފެރާން ޓޮރޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑަކީ ރަފީނިއާ ދިން ޕާހަކުން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
އިންޓަ މިލާނުން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި ޑެންޒެލް ޑަމްފްރައިސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ އިންޓަ މިލާނަށް ލިބުނު ކޯނަރު، ހަކާން ކަލަނޮގްލޫ ނަގައިދިން ވަގުތު ބޮލުންޖަހާ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ނަމަވެސް އޭގެ ދެ މިނިޓު ފަހުން ބާސެލޯނާއަށް ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު އިންޓަ މިލާނުގެ ކީޕަރު ސޮމާގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 3-3 އަށް ބަދަލުވެފަ އެވެ.
ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގަ އެވެ.