ގާޒާ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގަތަރާއި އިނގިރޭސިވިލާތުން ގޮވާލައިފި

ފަލަސްތީންގެ ޣައްޒާގައި އިޒުރޭލުން ހިންގަމުންދާ އަނިޔާވެރި ހަނގުރާމައިގެ އަމަލުތައް ވަގުތު ހުއްޓާލުމަށް ގަތަރާއި އިނގިރޭސިވިލާތުން ގޮވާލައިފި އެވެ.

ގަތަރާއި އިނގިރޭސިވިލާތުން މިކަމަށް ގޮވާލީ ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ދެވަނަ ގަތަރު-ޔޫކޭ ސްޓްރެޓެޖިކް ޑައިލޮގް ނިންމާލުމަށްފަހު ނެރުނު ބަޔާނެއް ގައެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ގަތަރުގެ ހާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އާލް ޘާނީ އާއި ޔޫކޭގެ ފޮރިން އެންޑް ކޮމަންވެލްތު އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް ޑޭވިޑް ލެމީ އެވެ.

ދެ ވަޒީރުންވެސް ގޮވާލާފައިވަނީ ހަމައެކަނި ހަނގުރާމަ ހުއްޓާލުމަށް އެކަންޏެއް ނޫނެވެ. ފަލަސްތީނަށް މިނިވަން ދައުލަތެއް އުފައްދައިދިނުމަށް މަސައްކަތްތަކެއް ކުރުމަށްވެސް ދެ ގައުމުން ގޮވާލި އެވެ.

"އިސްރާއީލުން ޣައްޒާގައި ހަނގުރާމަ އަލުން ފެށުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅާ އެ ގައުމުގެ ސިޔާސަތުތަކަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަންކަމެއް ނޫން," ގަތަރުގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ.

ފަލަސްތީނާއި އިޒުރޭލުގެ މައްސަލައިގައި މިއަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދގެ މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ކޮންފަރެންސަކީ ދެ ދައުލަތުގެ ހައްލަކަށް ވާސިލުވުމަށް ހަގީގީ ނަތީޖާތަކެއް ހާސިލްކުރެވޭނެ ކޮންފަރެންސެއް ކަމަށްވެސް ގަތަރާއި އިނގިރޭސި ސަރުކާރުން ބުންޏެވެ.

މި ކޮންފަރެންސްގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުން ހޯދުމަށް މަޝްވަރާކުރާނެ ކަމަށްވެސް ދެ ގައުމުން އުއްމީދު ކުރެ އެވެ.

ދެ ގައުމުގެ ވަޒީރުންގެ ބައްދަލުކުރެއްވުމުގައި ސަރަޙައްދުގެ ސިޔާސީ އަދި އިގްތިސާދީ ގުޅުމަށް ބާރުއެޅުމާއި، އިންސާނީ ކަރާމާތާއި ހައްގުތައް ހިމާޔަތްކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް މަޝްވާރަކުރައްވާފައިވެ އެވެ.