އޭއެފްސީ

އޭއެފްސީ ޗެމްޕިއަންސް ލީގުން ރޮނާލްޑޯގެ އަލް ނަސްރު ކަޓައިފި

އޭޝިއާގެ ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް -- އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފޯރިގަދަ ސެމީ ފައިނަލްގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރު، ޖަޕާނުގެ ކަވަސާކީ ފްރޮންޓާލެ އަތުން 3-2 އިން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކަވަސާކީން 10 ވަނަ މިނިޓްގައި ޓަޓްސުޔާ އީޓޯ ޖެހި ލަނޑުން ލީޑު ނެގި އެވެ. މެޗުގެ 28 ވަނަ މިނިޓްގައި އަލް ނަސްރުން އެއްވަރުކުރީ ލިވަޕޫލްގެ ކުރީގެ ފޯވާޑް ސަޑިއޯ މާނޭ ޖެހި ގޯލުންނެވެ.

ނަމަވެސް ކަވަސާކީން ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނެއްކާވެސް ލީޑު ނެގި އެވެ. މެޗުގެ 41 ވަނަ މިނިޓްގައި ޔޫޓޯ އޮޒޭކީގެ ލަނޑުން ސްކޯ 2-1 އަށް ބަދަލުވި އެވެ.

ކަވަސާކީން މެޗުގެ 76 ވަނަ މިނިޓްގައި އަކިހީރޯ ލެނޭގާ ޖެހި ލަނޑާއެކު 3-1 އަށް ކަވަސާކީ އިން ލީޑް ފުޅާކުރިއެވެ. އަލް ނަސްރުން އެނބުރި އައުމަށް މަސައްކަތްކުރި ނަމަވެސް 87 ވަނަ މިނިޓްގައި އައިމަން ޔަހްޔާ ޖެހި ދެވަނަ ލަނޑާ އެކު އަލް ނަސްރަށް އިތުރު ލަނޑެއް ނުޖެހުނެވެ.

މި ބައްޔާއެކު މި ސީޒަނުގައި ތަށްޓެއް ހޯދުމަށް އަލް ނަސްރުން ކުރި މަސައްކަތް މިދިޔައީ ފެނަށެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ފައިނަލްގައި ކަވަސާކީން ބައްދަލުކުރާނީ ސައުދީ ޕްރޯ ލީގުގެ އަލް އަހްލީއާ އެވެ. ސެމީ ފައިނަލުގައި އަލް އަހްލީން ވަނީ އަލް ހިލާލް 3-1 އިން ބަލިކޮށްފަ އެވެ.