ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނޯޓިސް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް އަމީން ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިނަމަ އެ މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް މަޖިލިހުގެ އިދާރާ އިން ނޯޓިސް ފޮނުވަންޖެހެ އެވެ. އިތުބާރު ނެތް ކަމުގެ މައްސަލައިގައި އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭންޖެހޭނެ ކަމަށްވެސް ގަވައިދުގައިވެ އެެވެ.
ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރު މި މަހުގެ 15 ވަނަ ދުވަހަށް ނިމޭނެ އެވެ.
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ތިއްބެވި 12 މެންބަރުންގެ ސޮޔާ އެކު އެވެ.
އެމްޑީޕީން މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯ އިން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި އެތައް ބަޔަކު އަމީންއަށް ތުހުމަތުތަކެއް ކުރަމުން ދަނިކޮށެވެ.
ހ. ފެންޓެނޯއީގެއަށް ޔުމްނު ވަނުމުގެ ކުރިން އެރޭ މެންދަމުގެ ވަގުތުގައި އޭނާއާ އެކު އެހެން ބަޔަކު ވަނީ މިނިސްޓަރު އަމީން ދިރިއުޅުއްވާ މއ. މއ. މާންދޫގޭދެކުނުގައި ޕާޓީކޮށްފަ އެވެ.
އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނެފައިވަނީ މިމައްސަލައިގައި އަމީންގެ އާއިލީ ބަޔަކު ހިމެނޭތީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާއަށް ކަންތައްތަކެއް ކުރައްވާފައިވާ ކަމަށާއި އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.
ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގެއާ ޖެހިގެން ހުރި ހ. މިޓާޒްގޭގައި ހަދާފައި ހުރި ގުދަނެއްގެ ފުރާޅު މައްޗަށެވެ. އޭނާއަށް ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދިނުމަށް މިހާރު ވަނީ މެލޭޝިއާއަށް ގެންގޮސްފަ އެވެ.
އަމީންގެ އިސްތިއުފާއަށް އެތައް ބަޔަކު ގޮވަމުންދާއިރު މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާތީ އިސްތިއުފާ ނުދެއްވާނެ ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.