މ. މުލީ އެއާޕޯޓް ހުޅުވުން ފަސްކޮށްފި އެވެ.
މުލީ އެއާޕޯޓް ހުޅުވަން ތައްޔާރުވެ އިންތިޒާމުތައް ހަމަޖައްސާފައިވަނިކޮށް ވަކި މުއްދަތެއް ނެތް ގޮތަށް އެއާޕޯޓް ހުޅުވުން ފަސްކޮށްފައިވާ ކަމަށް މުލި ކައުންސިލުން ވަނީ އަވަސްއަށް ޔަގީންކޮށްދީފަ އެވެ.
އެއާޕޯޓް ހުޅުވުން ފަސްކުރި ވަކި ސަބަބެއް އެނގިފައި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.
މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވަން ކުރިން ހަމަޖެހިފައި އޮތީ އިއްޔެގެ ވަގުތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
މުލީ އެއާޕޯޓްގައި މިދިޔަ ހުކުރު ދުވަހު ވަނީ ޓެސްޓް ފްލައިޓް ޖައްސާފަ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ.
މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެ އެވެ.
މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން 221.7 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.