ދުނިޔެ

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސި އަކީ ދޮގުހަދާ ބައެއް: އީރާންް

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސި (އައިއޭއީއޭ) ގެ ޑައިރެކްޓަރު ޖެނެރަލް، ރަފައެލް ގްރޯސީގެ ވާހަކަތައް ހުރި ގޮތުން އީރާންގެ ނިއުކްލިއާ މަޝްވަރާތަކަށް ނިކަމެތިކަން ފޯރައިފި ކަމަށް ތެހެރާން ޓައިމްސްއިން ބުނެފި އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އެމެރިކާ ސަރުކާރަށް ރަފައެލް ގްރޯސީ ދެއްވާފައި ވަނީ ދޮގު މައުލޫމާތު ކަމަށްވެސް އެ ނޫހުން ވަނީ ބުނެފަ އެވެ. ޑައިރެކްޓަރު ޖެނެރަލްގެ ވާހަކަތައް ހުރީ އެމެރިކާއިން އީރާނަށް ދަތިކުރާ ގޮތަށް ކަމަށްވެސް އީރާންގެ ސަރުކާރާ ގުޅިގައި އޮންނަ ތެހެރާން ޓައިމްސްއިން ވަނީ ބުނެފަ އެވެ.

ރަފައެލް ގްރޯސީ އަކީ ޖަރުމަނާއި، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުގެ ޕްރެޝަރުގައި ޖެހިފަޑައިގެން ވަރަށް ބޮޑަށް ފިތިފައި ހުންނެވި ބޭފުޅެއް ކަމަށް އިރާނުން ގަބޫލުކުރެ އެވެ.

އެމެރިކާއާ އީރާންއާ ދެމެދު ރަނގަޅު ގުޅުމެއް އުފެދުމަށް ހުޅަނގަށް ފޫޅުކެނޑި އެއްވެސް ގައުމަކުން ބޭނުންނުވާ ކަމަށް ވެސް އީޜާނުން ބުންޏެވެ. އެމެރިކާއާ އެކު ނިއުކްލިއާ މަޝްވަރާތައް ދަނީ އެދެވޭ ގޮތަށް ކަމަށާއި ރަނގަޅު ނަތީޖާއެއް ހާސިލުކުރެވިެއްޖެ ނަމަ އެކަން ވާނީ ހުޅަނގަށް ބޮޑު ނާކާމިޔާބީއަކަށް ކަމަށްވެސް ތެހެރާން ޓައިމްސްގައި ވަނީ ބުނެފަ އެވެ.

ގްރޯސީ ދޮގު މައުލޫމާތު ދެއްވުމުން އެމެރިކާއަށް ވެސް ވަނީ އެކަން ގަބޫލުކުރެވިފައި ކަމަށް އީރާނުން ބުންޏެވެ. އީރާންގެ ނިއުކްލިއާ މަޝްރޫއަކީ ސުލްހަވެރި އަދި މަދަނީ ހަރަކާތެއް ކަމަށް އީރާނުން ކިތަންވެ ވަރަކަށް ކިޔައިދިން ނަމަވެސް، ޑައިރެކްޓަރު ޖެނެރަލާ ހެދި މަޝްވަރާތަކަށް އަސަރުކޮށްފި ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.

އޮމާން މެދުވެރިކޮށް ކުރެވެމުންެދާ ނިއުކްލިއާ މަޝްވަރާތަކުގެ ތިން ބުރު މިހާތަށް ވަނީ ނިމިފަ އެވެ. ހަތަރުވަނަ ބުނު އޮންނަ ގޮތަށް އޮތީ އިޓަލީގެ ވެރިރަށް ރޯމްގައި މި މަހު ތިނެއްގަ އެވެ. ނަމަވެސް، ގްރޯސީގެ ވާހަކަތަކާ ގުޅިގެން މަޝްވަރާތައް ވަނީ ވަކި ތާރީޚެއް ނެތް ގޮތަށް ލަސްކޮށްފަ އެވެ.