އެޗްޑީސީ

ހުޅުމާލެ ސިޓީ ހޮޓެލްގެ މަސައްކަތް ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށްފި

ހުޅުމާލޭގައި އެސްޓީއޯ އިން އިމާރާތްކޮށް ނިންމާފައި ހުންނަތާ އެތައް އަހަރެއްވީ ސިޓީ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަން ހިންގަން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް'އާ ހަވާލުކޮށްފި އެވެ.

ސަރުކާރުގެ ބޭނުމަށް ހާއްސަ ކުރެވޭ އޮފީސް ބައެއް ހިމެނޭ ގޮތަށް ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތާ ވޯލްޑް އޮފް ބިޒްނަސް ހަވާލުވީ އެސްޓީއޯއާއެކު ސެޓަލްމަންޓް އެގްރީމަންޓަކަށް ދިއުމަށްފަހު އެވެ.

ހޮޓަލްގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތް ސެންޓަރު (އީ- ސްޕޯޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެ އެވެ. މިތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައެވެ.

ހޮޓެލްގެ ބާކީ އޭރިއާގައި ފައިވް ސްޓާ ސްޓޭންޑަޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ހަމަޖެހިފައިވެ އެވެ.

މިއީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ.

މެންހަޓަން ގްރޭންޑް ހޮޓެލްގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސްއިން މި ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 ޕަސަންޓް ފޮރިން އިންވެސްޓްމަންޓާއެކު އެވެ. މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ" އެވެ.