ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޑރ. ޝަހީމް އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

ޑރ. ޝަހީމް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަދާލަތު ޕާޓީއާ މިއަދު ގުޅިވަޑައިގެންފައިވާކަން ޔަގީންކޮށްދެއްވާފަ އެވެ.

"މާތް ﷲ ގެ ހަޟްރަތުން ވާގި އެދި އަދާލަތު ޕާޓީ އަށް މެމްބަރުކަމުގެ ފޯމު ހުށަހަޅައިފިން،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ތިންވަނައަށް އުފެއްދި ސިޔާސީ ޕާޓީގެ ގޮތުގައި އަދާލަތު ޕާޓީ އުފެއްދީ ޑރ. ޝަހީމް ހިމެނޭހެން ގިނަ ދީނީ އިލްމުވެރިންތަކެއް އިސްކޮށް ތިއްބަވައިގެންނެވެ.

ޝަހީމް މީގެކުރިން ވަނީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުންނަވައިގެން ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައިވެސް އިސްލާމިކް މިނިސްޓަރުކަން ކުރައްވާފަ އެވެ. ނަމަވެސް ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކުން ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރުކަން ކުރެއްވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ. ޕީޕީއެމް އުވާލި ފަހުން ޝަހީމް މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފައެއް ނުވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާ އެއް ވަޒީރު -- ޑރ. ޝަހީމް ކުއްލި ގޮތަކަށް އަދާލަތު ޕާޓީއާ ގުޅިވަޑައިގެންނެވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު މިއަަހަރުގެ ފަހުކޮޅު އޮންނަ އަދާލަތު ޕާޓީގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޝަހީމް ވަނީ އިއުލާންކުރައްވާފަ އެވެ. އަދި އެ މަގާމު ލިބިވަޑައިގެންފިނަމަ އަދާލަތު ޕާޓީ ކުރިއަރުވަން ކުރައްވާނެ ކަންތައްތަކެއްވެސް ޝަހީމް ވަނީ އިއުލާންކުރައްވާފަ އެވެ.

ޑރ. ޝަހީމު އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ވަނީ ސޯޝަލްމީޑިއާގައި އޭނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

އެކަމަކު އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޯހަޅިކަމާ ހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތް ކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވާ ޚާލިސްކަމާއެކު ޑރ. ޝަހީމް އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުޙަބާ ދަންނަވާ ކަމަށެވެ.

އިމްރާނަށް ރައްދު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރުމަށް ވަޒީރުކަން ދޫކޮށްލަން ނުޖެހޭ ކަމަށާއި އަދާލަތު ޕާޓީގެ މެންބަރަކު ސަރުކާރުގެ މަގާމެއްގައި ހުންނަން އެޕާޓީގެ ދުސްތޫރުވެސް މަނާ ނުކުރާ ކަމަށެވެ.

"އަދާލަތު ޕާޓީގެ ރައީސް ކަމަށް މެންބަރުން އަޅުގަނޑު އިންތިހާބު ކުރައްވައިފިނަމަ ކޮންގްރެސް އިން ނިންމާ ގޮތަކަށް ޕާޓީއައިގެ ކުރިއަށްދާނަން. އިންޝާﷲ،" ޝަހީމް ވިދާޅުވި އެވެ.

ޝައިހް އިމްރާން މިވަގުތު ދިރިއުޅުއްވަނީ ތައިލެންޑްގައެވެ. އެހެންވެ އަދާލަތު ޕާޓީގެ ހަރަކާތްތައް މުޅިންހެން ހުއްޓިފައިވާތީ އެ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.