މިއުޒިކް

ޓޫ އޮފް އަސް: ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ފައިނަލަށް

ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025ގެ ގްރޭންޑް ފިނާލޭއަށް ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑް ދަތުރުކޮށްފި އެވެ.

އިންޑިއާގެ މުމްބާއީގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ހަވީރު ބޭއްވި ރައުންޑުގައި ޓޫ އޮފް އަސް ވާދަކުރީ ސްރީލަންކާގެ ނައިޓްސް، މޮރިޝަސްގެ ނިކިލް އެންޑް ގޭންގް، ތަޖަކިސްތާނުގެ ދިލްސޭ، ނޭޕާލްގެ ސްވާސްތިކް އަދި މޮރިޝަސްގެ އެވަނެޓްސްއާ އެވެ. މި ރައުންޑުން ތަޖަކިސްތާނުގެ ދިލްސޭ އެލިމިނޭޓްވި އެވެ.

ގްރޭންޑް ފިނާލޭގައި ފައިނަލަށް ދަތުރުކުރި ފަސް ޓީމުގެ ތެރެއިން އެންމެ މޮޅު ތިން ޓީމު ހޮވާނެ އެވެ.

މިއަހަރުގެ މުބާރާތުގައި ޓޫ އޮފް އަސް އިން ހުށަހަޅާފައިވަނީ ދިވެހި އަދި ހިންދީ ލަވަތަކެވެ. ހާއްސަކޮށް ހިންދީ ލަވަތަކަށް ފާޑުކިޔުންތެރިންގެ ތައުރީފް ވަނީ އޮއްސާލާފަ އެވެ.

ޓޫ އޮފް އަސްގެ މެންބަރެއް ކަމަށްވާ އަހްމަދު ޝަހީދު (ލެގަސީ) ބުނި ގޮތުގައި ޓޮޕް ފަހަކަށް ދިއުމަކީވެސް ވަރަށް ބޮޑު ކާމިޔާބެކެވެ. އަދި އުއްމީދަކީ އެންމެ ގަދަ ތިނެއްގެ ތެރޭގައި ހިމެނުން ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ޓޮޕް ތިނަކަށް ދިއުން" ޝަހީދު ބުންޏެވެ.

ޝަހީދު އިތުރަށް ބުނީ ބޭންޑުން ހޯދި ކާމިޔާބަކީ މުޅި ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. މި ކާމިޔާބީން ދައްކުވައިދެނީ އާބާދީ ކިތަންމެ ކުޑަވިޔަސް ދިވެހިންގެ ތެރޭގައި ހުނަރުވެރިން ތިބިކަން ކަމަށްވެސް ޝަހީދު ބުންޏެވެ.

އެކި ގައުމުތަކަށް ނިސްބަތްވާ 12 ޓީމެއް މި މުބާރާތުގައި ވާދަކުރި އެވެ.

އންޑިއާގެ މިއުޒިކް އިންޑަސްޓްރީގެ މަޝްހޫރު ކޮންޕޯޒަ އަނޫ މާލިކް ވަނީ ޓޫ އޮފް އަސްގެ ހުށަހެޅުންތަކަށް ވަރަށް ބޮޑަށް ތައުރީފްކޮށް މިއަހަރުގެ ޓައިޓަލް ގެންދާނީ ރާއްޖެ ކަމަށް ބުނެފަ އެވެ.