ޑރ. މުހައްމަދު މުއިއްޒު

ސިފައިންނަށް ޓޭންކަރު ހޯދީ ހަނގުރާމަކުރާކަށް ނޫން: ރައީސް

ދިވެހި ސިފައިންނަށް ބޭނުންވާ ހަތިޔާރު ހޯދައިދީ ވަސީލަތްތައް ގާއިމުކުރަނީ ހަނގުރާމަ ކުރަން ނޫން ކަމަށާއި އެކަން ކުރަނީ ދިފާއީ ބާރުގެ ގާބިލްކަން އިތުރުކޮށް މިނިވަން ސުލްހަވެރި ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހި ސިފައިންނަށް ބޭނުންވާ ހަތިޔާރާއި ބަރު އުޅަނދުތައް ހޯދާ ސަބަބާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު މިއަދު ވާހަކަދައްކަވާފައި މިވަނީ ސިފައިންގެ ބޭނުންތަކަށް އަސްކަރީ ދެ ޑްރޯންއާއި، މިސައިލް ފޮނުވާ މަނަވަރެއް ތުރުކީން ހޯދައި އަދި އޭގެފަހުން އެންމެ ޒަމާނީ ފެންވަރުގެ ޓޭންކަރުތަކެއް ހޯދާފައިވާ މައްސަލައިގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި އަސްކަރިއްޔާގެ ހާލަތު އޮތީ ވަރަށް ނިކަމެތިކޮށް ކަމަށެވެ. އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވި އޮންނަތާ 20 ނުވަތަ 25 އަހަރު ވެއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަސްކަރިއްޔާއަށް ވަސީލަތްތައް ހޯދަނީ ދިވެހި ރައްޔިތުންނަށް ކޮށްދޭންޖެހޭ އެހެން ކަންކަން ކޮށްދިނުން މަޑުޖައްސާލަފައި ނޫން ކަމަށެވެ. ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމާއެކު ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އަސްކަރީ ގާބިލްކަން އިތުރުކުރުމަށް ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަސްކަރިއްޔާގެ ގާބިލްކަން ވަރުގަދަ ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި ސަރުކާރުން އެކަން ކުރުމަކީ ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

އަޅުގަނޑުމެން މިއުޅެނީ ހަނގުރާމައެއް ކުރާކަށްވެސް ނޫން. އަޅުގަނޑުމެންނަކީ ސުލްހަވެރި ގައުމެއް. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ މިސަރަހައްދުވެސް ސުލްހަވެރިކޮށް އޮންނަން. އެކަމަކު ފަޚުރުވެރި މިނިވަން ގައުމެއް ވީމާ އަޅުގަނޑުމެންގެ ދިފާއީ ބާރުގައި ވަރުހުންނަންޖެހޭނެ. ކެޕޭސިޓީ ހުންނަންޖެހޭނެ. އަޅުގަނޑުމެންގެ ފެންވަރުން ހުންނަންޖެހޭނީ... އެއްގޮތަކަށްވެސް ޓޭންކަރުތަކެއް ހޯދީ ހަނގުރާމައަކަށް ނިކުންނާކަށް ނޫން. ކުރީގައި ހުރި އެއްޗެހި ނުވެސް ދުވަނީ އެނގޭތޯ. ނުވެސް ނުދަވަނީ ހަމަ ހަގީގަތުގައިވެސް. ލަދުގަންނަންޖެހޭ ހިސާބަށް އަޅުގަނޑުމެންގެ އަސްކަރީ ހާލަތު އޮތީ ގޮސްފައި. އޭގެ ތަފްސީލަށް ނުދަމާ. އެކަމެއް ކުރި ބަޔަކު އެއަށް ޖަވާބުދާރީވާނީ.
ޑރ. މުހައްމަދު މުއިއްޒު | ރައީސުލްޖުމްހޫރިއްޔާ

ސިފައިންގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފަޔަ އެންޑް ރެސްކިއު މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ މަސައްކަތުގައި ބޭނުންކުރަން އެކަށީގެންވާ ވަސީލަތް ނެތް ކަމަށެވެ. އެހެންވެ ފަޔާ އެންޑް ރެސްކިއުގެ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ދެ އަހަރަށް ބަހައިލައިގެން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ވަރަށް އުސް އިމާރާތްތައް އެބަހުރި 25 ބުރިއަށް އަރާ. މިއިން ތަނެއްގައި ކަމެއް ހިނގައިފިއްޔާ، އިރާދަކުރެއްވިއްޔާ ނުހިގާނެ. އަޅުގަނޑުމެންގެ ދުއާ އަކީ އެއީ. އަޅުގަނޑުމެންގެ ކެޕޭސިޓީއެއް [ގާބިލްކަމެއް] ނެތް. ހުރިހާ ބޭފުޅުންނަށްވެސް އެނގޭނެ އެމްއެންޑީއެފްގައި މިއަދާ ހަމައަށްވެސް [އެ ގާބިލްކަން] ނެތް ކަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖޭގެ ސަރަހައްދީ އިމުގެ ގޮތުގައި ބަލައި ސަރަހައްދު ބެލެހެއްޓުމަށް ސިފައިންނަށް ބޭނުންވާ ކަނޑައާއި ވައިގެ އުޅަނދުތައް އިތުރު ކުރާ ސަބަބާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. ރައީސް ވިދާޅުވީ ކޯސްޓުގާޑުގެ ނަމުގައި ހުރީ ކުދިކުދި ލޯންޗުތަކެއް ކަމަށާއި ރާއްޖޭގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުގެ 99 އިންސައްތަ އަކީ ކަނޑު ކަމަށްވާތީ ކޯސްޓު ގާޑަށް ޒަމާނީ އުޅަނދުތައް ހޯދައިދީ ކޯސްޓް ގާޑު ދެގުނަ ކުރަން ނިންމެވީ ރާއްޖޭގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓުމަށް ކަމަށެވެ. ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުތަކެއް ބަނުމަށް ބަޔަކާ ހަވާލުކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ކޯސްޓްގާޑުގެ ކެޕޭސިޓީ އިތުރުކުރަނީވެސް އަޅުގަނޑުމެންގެ ޓެރިޓަރީ ބަލަހައްޓަން. އަޅުގަނޑުމެންގެ އީއީޒެޑް އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު. ވަރަށް މަދު ގައުމެއްގައި މިހާ ބޮޑު އީއީޒެޑެއް އޮންނާނީވެސް. މިސަރަހައްދެއް ނުބެލެހެއްޓޭ ނޫންތޯ މިއޮށް ހުރިހާ ދުވަހު. ޕައިރޭޓުންވެސް ވަންނަނީ. މަސްވެސް ބާނަނީ ބޭނުން ވަރަކަށް. އެހެންވީމާ މި ތަންތަން ހިމާޔަތް ވާންޖެހޭނެ. ހިމާޔަތް ކުރެވުނީމާ އަޅުގަނޑުމެންނަށް އޭނގެ ފައިދާވެސް އެބަވޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަސްކަރީ ދެ ޑްރޯން ހޯދި އެންމެ ބޮޑު އެއް ބޭނުމަކީވެސް ދިވެހިރާއްޖޭގެ ސަރަހައްދު ރަނގަޅަށް ބަލަހައްޓައި ހިމާޔަތް ކުރުން ކަމަށެވެ.

ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް ބޭރު ގައުމަކުން އެހީތެރިކަން ދޭން ތިބި އެ ބަޔަކަށް މަރުހަބާ ކިޔާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެކަމަކު ރާއްޖޭގައި އެހެން ގައުމެއްގެ އަސްކަރިއްޔާ ގާއިމުވެ، އަސްކަރީ ނުފޫޒު ހިންގަން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

"އެއީ ކިތަންމެ ބޮޑު ގައުމެއް ކަމަށް ވިޔަސް، ކިތަންމެ ކައިރި ގައުމެއް ކަމުގައި ވިޔަސް، އަދި އެ ގައުމަކުން އަޅުގަނޑުމެންނަށް ކިތަންމެ އެހީއެއް އެހެން ކަންކަމުގައިވާ ގައުމެއް ވިޔަސް އަޅުގަނޑުމެންނަކަށް މުހިއްމެއް ނުވާނެ އަޅުގަނޑުމެންގެ މިނިވަން ކަމަށް ސުވާލެއް އުފެދޭނަމަ،" ރައީސް ވިދާޅުވި އެވެ.