ޑރ. މުހައްމަދު މުއިއްޒު

ފަސް އަތޮޅެއްގައި ޓޫރިޒަމް ފުޅާކުރަން ހާއްސަ ލުއިތަކެއް ދެނީ

ރިސޯޓުތައް އެންމެ މަދުން ހުރި ފަސް އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ހާއްސަ ލުއިތަކަކާއެކު މިމަހު އިއުލާނުކުރަން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެންމެ މަދުން ރިސޯޓުތައް ހުރި ފަސް އަތޮޅު ކަމަށްވާ ހއ، ހދ، ށ، ތ، އަދި ލ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް އިންވެސްޓަރުން ޝައުގުވެރިވާނެ ފަދަ އިންސެންޓިވްސް ދޭން ނިންމާފައިވާ ކަމަށެވެ.

އެކަމަށްޓަކައި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ނިމެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ފަސް އަތޮޅަށް އެކަނި އަޅުގަނޑުމެން ވަކި މުއްދަތަކަށް ސަންސެޓް ކްލޯޒެއްލާފަ އަޅުގަނޑުމެން މި އުޅެނީ ލުއިކޮށްލަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ލުއިތަކުގެ ތެރޭގައި ލޭންޑް އިކުއިޒިޝަން ކޮސްޓްގެ ލުއިގެ އިތުރުން ޑިއުޓީ އިން ދޭ ލުއިތައް ހިމެނެ އެވެ.

"މިމަހުގެ ތެރޭގައި އިއުލާނު ކުރަން މި ޓާގެޓް ކުރަނީ،" ރައީސް ވިދާޅުވި އެވެ.

މި ލުއިތަކާއެކު އެ ފަސް އަތޮޅުގައި އިންވެސްޓްކުރާނެ އިންވެސްޓަރުން ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި މި ލުއިތަކަކީ ވަކި މުއްދަތަކަށް ދޭ ލުއިތަކެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.