ގާނޫނު އަސާސީ އިސްލާހު ކުރުން

މެންބަރުންގެ އަދަދު 93 ގައި ހިފަހައްޓައި، ހޮވޭ މީހުން ވަކިކުރެވޭ ގޮތް ހަދަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 93 ގައި ހިފަހެއްޓުމަށާއި އިންތިހާބީ މަގާމުތަކަށް ހޮވޭ ބޭފުޅުން ރައްޔިތުން ބޭނުންވާނަމަ ވަކިކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި މިއަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުން ހުށަހަޅާ މުހިއްމު އިސްލާހުތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން ރައީސް މިއަދު ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން ގާނޫނުއަސާސީއަށް މިއަހަރު ހުށަހަޅަނީ މައިގަނޑު ހަ އިސްލާހެކެވެ.

ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހަޅާ އިސްލާހުތައް

  • ރިކޯލް ވޯޓެއް ނަގައި ވަކިކުރަން ފާސްވެއްޖެނަމަ އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރެވޭނެ ނިޒާމެއް ތައާރަފްކުރުން
  • ރިޔާސީ އިންތިހާބު ޕްރިފަރެންޝަލް ވޯޓިން ނިޒާމަށް ބަދަލުކޮށް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުން
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތަށް، 93 ގައި ހިފެހެއްޓުން
  • ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެމްބަރު 11 ކަމަށް ކަނޑައެޅުން
  • ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކުއެކީ ބޭއްވުން
  • އަތޮޅު ކައުންސިލްތައް އުވާލުން

ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރު އޮތް އަދަދު ކަމަށްވާ 93 ގައި ހިފަހައްޓަން ބޭނުންވާތީ އެ އަދަދު "ފްރީޒް" ކުރުމާ މެދު ރައްޔިތުން ނިންމާ ގޮތެއް ބެލުމަށް ވޯޓަކަށް ދާނެ ކަމަށެވެ. ނަމަވެސް މެންބަރުންގެ އަދަދު ސީދާ 93 ގައި ހިފަހައްޓަން ނިންމެވި ވަކި ސަބަބެއް ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ.

"އެހެން ނޫނީ މިވާގޮތަކީ އާބާދީ ބޮޑުވާ ވަރަކަށް އިތުރުވަމުން މިދަނީ. އެހެންވީމަ އަޅުގަނޑުމެން މި ނިންމީ އިތުރެއް ދެން ނުވާނޭ. އެ އަދަދަށް ފްރީޒް ކޮށްލަނީ،" ރައީސް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން ކޮންމެ 5،000 ރައްޔިތަކަށް މަޖިލިސް މެންބަރަކު ހުންނަން ޖެހެ އެވެ. އެހެންވެ އާބާދީ އިތުރުވާ ވަރަކަށް އަދި މަޖިލިސް އިންތިހާބު އޮންނަ ކޮންމެ އަހަރަކު މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އިންތިހާބީ މަގާމުތަކަށް އަންނަ މީހަކު ރައްޔިތުން ބޭނުންވާނަމަ ވަކިކުރެވޭނެ ގޮތެއް ގާނޫނުއަސާސީއާއި ގާނޫނުތަކަކުވެސް މިވަގުތު ހަމަޖެހިފައެއް ނުވެ އެވެ. އެހެންވެ އިންތިހާބީ ކޮންމެ މަގާމަކަށް އަންނަ ބޭފުޅަކުވެސް ރައްޔިތުން ބޭނުންވާނަމަ ވަކިކުރެވޭނެ ގޮތް ހެދުމަށްޓަކައި ރިކޯލް ވޯޓެއް ނެގޭނެ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަަމަށް ރައީސް ވިދާޅުވި އެވެ. ރިކޯލް ވޯޓެއްގައި އިންތިހާބީ މަގާމެއްގައި ހުންނަވާ ބޭފުޅަކު ވަކިކުރަން ރައްޔިތުން ނިންމައިފިނަމަ އެ ބޭފުޅެއްގެ މަގާމު ނުވަތަ ގޮނޑި ގެއްލޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ރިކޯލް ވޯޓެއް ނަގައި ވަކިކުރަން ފާސްވެއްޖެނަމަ އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރެވޭނެ ނިޒާމެއް ތައާރަފްކުރުން [އިސްލާހުތަކުގެ ތެރޭގައި ހިމެނޭ]. މީގެތެރޭގައި ކައުންސިލަރުންނާއި މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ހުރިހާ އެންމެން ހިމެނޭނެ،" ރައީސް ވިދާޅުވި އެވެ.

"އެ ދާއިރާއަކުން އެމީހާއަށް ވޯޓުލީ ކޮންސްޓިޓިއުއެންސީއަށް ގޮސް ރިކޯލް ވޯޓަކުން ފާސްވެއްޖެއްޔާ އޭނާ ވަކިކުރެވޭނެ ގޮތް އޮންނަން ޖެހޭ. ޑިމޮކްރެޓިކް ނަމަ. އެއީ ރައްޔިތުންނަށް ބާރު ދިނުމަކީ. ރައްޔިތުން އޭނަ ހޮވީ. އެހެންވީމަ ރައްޔިތުން ބޭނުންވެއްޖެއްޔާ ވަކިކުރެވެން ވެސް ޖެހޭނެ ނޫންތޯ ދައުރުގެ މެދުތެރެއިން ވިޔަސް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރު ކަމުން ވަކިކުރެވޭނެ އިތުރު ޝަރުތުތަކެއް ކަނޑައަޅައި މިދިޔަ ނޮވެމްބަރު ދެވަނަ ދުވަހު އެ އިސްލާހު ފާސްކޮށްފަ އެވެ. ހަމަ އެ ދުވަހު ރައީސް މުއިއްޒު ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފަ އެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މިހުރިހާ މަރުހަލާއެއް މަޖިލީހުން ނިންމާލީ ހަތް ގަޑިއިރަށް ވުރެ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި ގެނެވޭ އެންމެ ބޮޑު ބަދަލަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމެވެ. ގާނޫނުއަސާސީ އިސްލާހުކޮށްގެން ޖޭއެސްސީ އެކުލަވާލާފައި އޮތް ގޮތް ބަދަލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ޖޭއެސްސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ގެނައުމާ ގުޅޭގޮތުން ރައީސް މުއިއްޒު މިއަދު ވާހަކަދައްކަވާފައެއް ނުވެ އެވެ.

ލާމަރުކަޒީ ނިޒާމުގައި ލޯކަލް ކައުންސިލްތައް ތިން ބަޔަކަށް ބަހާލާފައިވާއިރު އޭގެ ތެރޭގައި ހިމެނޭ އަތޮޅު ކައުންސިލްތައް އުވާލެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ލާމަރުކަޒީ ނިޒާމުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް ރައްޔިތުންނާ ގާތުން މަސައްކަތް ކުރާއިރު އަތޮޅު ކައުންސިލްތަކުގެ ބޭނުމެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.