ދުނިޔެ

އީރާންގެ ނިއުކްލިއާ މަޝްރޫއަށް އެމެރިކާއިން ހަރުކަށި ޝަރުތުތަކެއް

އީރާންއާ އެކު ދެމެހެއްޓެނިވި އެއްބަސްވުމަކަށް ދިއުމަށް އީރާނުން މިހާރު ކުރިއަށް ގެންދާ ނިއުކްލިއާ މަޝްރޫއު މުޅިން ހުއްޓާލަން ޖެހޭނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ. އެ ނޫން ގޮތެއްގައި އީރާނަށް ޖެހޭނީ މަޝްވަރާ މޭޒު ދޫކޮށް ރަށަށްދާން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ މި ބުނުމާށް ރައްދުދެމުން އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވީ ނިއުކްލިއާ މަޝްރޫއަށް ކުޑަވެސް މަޑުޖެހުމެއް ޝަރުތުކޮށްގެން ނުވާނެ ކަމަށެވެ. އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓާލަން ބުނާ މުއާހަދާއެއްގައި ސޮއިކުރެވޭކަށް ނޯންނާނެ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

އީރާނަށް ހުރި ޝަރުތުތައް އާންމުކުރައްވަމުން މާކޯ ރޫބިއޯ ވިދާޅުވީ، ނިއުކްލިއާ މާއްދާތައް މުއްސަނދިކުރުން ހުއްޓާލުމާއި، ޔަމަނުގައި ހަރަކާތްތެރިވާ ހޫސީންނަށް މަދަދުވެރިވުން ހުއްޓާލުން އަދި އީރާނުން ކުރިއަށް ގެންދާ ދުރުރާސްތާ މިސައިލް ޕްރޮގްރާމް ވެސް ހުއްޓާލަން ޖެހޭނެ ކަށެވެ.

މަދަނީ ބޭނުންތަކަށް ނިއުކްލިއާ އިންޖީނުގެ ހިންގަން ބޭނުންވާ ނިއުކްލިއާ ފިޔޫލް އީރާންގައި ފައްކާކުރުމުގެ ބަދަލުގައި، ޖެހޭނީ އެހެން ގައުމަކުން އީރާނަށް އެތެރެކުރަން ކަމަށްވެސް މާކޯ ރޫބިއޯ ވިދާޅުވި އެވެ.

ނިއުކްލިއާ ފިޔޫލް މުއްސަނދިކުރަން އީރާނަށް ފުރުސަތުދީފި ނަމަ، 3.67 ޕަސެންޓުން 20 ޕަސެންޓަށް، އެއަށް ފަހު 60 ޕަސެންޓަށް އަދި 80 ޕަސެންޓަށް މުއްދަނދިކުރަން ދުވަސްތަކެއް ނުނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެއަށް ފަހު، މާކޯ ރޫބިއޯ ވިދާޅުވި ގޮތުން ދެން ފެންނާނީ އަސްކަރީ ފެންވަރަށް އީރާންގައި ނިއުކްލިއާ ހަތިޔާރު އުފައްދާ މަންޒަރެވެ.

އީރާންއާ އެކު ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން އެމެރިކާގެ އިންސްޕެކްޓަރުން އީރާނަށް އެތެރެވާން ހުއްދަދޭން ޖެހޭނެ ކަމަށްވެސް ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވި އެވެ.

އެމެރިކާގެ ހަރުކަށި ބުނުންތަކަށް ރައްދުދެމުން ޚާރިޖީ ވަޒީރު އައްބާސް ވިދާޅުވީ އީރާނުން އަމިއްލައަށް ނިއުކްލިއާ ފިޔޫލް މުއްސަނދިކުރުމަކީ "ނިއުކްލިއާ ނަން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) ދަށުން އެ ގައުމަށް ލިބިފައި އޮތް ހައްގެއް ކަމަށެވެ.

އަދި އީރާން ހިމެނެނީ އެންޕީޓީގެ ބާނިންގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. މިހެން ކަން އޮތުމުން، އީރާނަށް ލިބިފައި އޮތް މިނިވަންކަން އަމިއްލަ އިޚުތިޔާރުގައި ދޫކޮށްނުލައްވާނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.