ސަރުކާރުގައި ހިމެނޭ ސިޔާސީ މަގާމުތަކުގެ އަދަދެއް ގާނޫނެއްގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) މިހާރު އޮތް ގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ އަދަދަކަށް ބޭފުޅުން އައްޔަންކުރެވެ އެވެ.
ގާނޫނުއަސާސީގައި އަދި އެއްވެސް ގާނޫނެއްގައިވެސް ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެވޭނެ އެއްވެސް އަދަދެއް ކަނޑައަޅާފައި ނުވާތީ ސިޔާސީ މަގާމުތަކަށް ކޮންމެ ސަރުކާރަކުންވެސް އެތައް ސަތޭކަ ބަޔަކު އައްޔަންކުރާއިރު އެކަމުގެ ހެޔޮ ނަތީޖާ ފެނިގެން ނުދިއުމަކީ ރައްޔިތުންގެ މެދުގައި މިފަހަކަށް އައިސް ކަންބޮޑުވުން އޮންނަ ބޮޑު މައްސަލަ އެކެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެންމެ ގިނަވެގެން އައްޔަންކުރެވޭނެ ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ކަނޑައަޅާ ގޮތަށް ގާނޫނެއްގައި ހިމަނަން ނިންމާފައިވާ ކަމަށެވެ. އަދި ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ގިނަވެގެން ހަރަދުކުރެވޭނެ އަދަދެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ތަފްސީލް މަޖިލީހާ ހިއްސާކުރަންޖެހޭ ގޮތަށް ގާނޫނުގައި ހިމެނުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެކަންކަން ކުރާނީ އަލަށް ގާނޫނެއް އެކުލަވާލައިގެން ކަމެއް ނުވަތަ މިހާރުވެސް އަމަލުކުރަމުންދާ ގާނޫނަކަށް އިސްލާހެއް ގެނެސްގެން ކަމެއް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މިސަރުކާރުގައި މިހާތަނަށް 43 ބިލެއް އެކުލަވާލާފައިވާ ކަމަށެވެ. މީގެތެރެއިން 40 ބިލް މަޖިލީހަށް ފޮނުވާފައިވާއިރު 31 ބިލް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
"ދެން މިއަހަރުގެ ތެރޭގައި އިތުރު 30 ބިލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު މަޖިލީހަށް ފޮނުވާނަން،" ރައީސް ވިދާޅުވި އެވެ.