އަބްދުﷲ ޝާހިދު

ވެރިކަން ހޯދުމަށް ރައީސް މުއިއްޒު ހެދީ ދޮގު: ޝާހިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ހޯދުމަށް ދޮގު ހެދިކަން މިއަދު ސާބިތުވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީ ސަރުކާރުން ބޭރު ގައުމުތަކާއެކު ހެދި އެއްބަސްވުންތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ރައީސް މުއިއްޒު ވަނީ ގައުމުތަކުގެ ރުހުމާނުލައި އެ އެއްބަސްވުންތައް ހާމަކުރެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެއްބަސްވުންތައް ހާމަކުރެވޭތޯ މަޝްވަރާކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

‏"ކަން ބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ ހުރެގެންނެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ހިއްސާކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ދިވެހިންނަށް ގެއްލުންވާނެ އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރާކަން ރައީސް މުއިއްޒު މިއަދު ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.

‏"މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އެ ޔަޤީން ކަށަވަރުކޮށްދެއްވީ އަޅުގަނޑުމެންގެ ސަރުކާރުން އަވަށްޓެރި ބޭރު ޤައުމުތަކާ ވަކިން ޚާއްސަކޮށް އިންޑިއާއާއި އެކުވެފައިވާ އެއްވެސް އެއްބަސްވުމެއްގައި ދިވެހި ދައުލަތާ ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރާ ކަމަށާއި އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ހޯދުމަށްޓަކައި މުތުލަޤަށް ހެއްދެވީ ދޮގުކަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީ އަބަދުވެސް އޮންނާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އިހުލާސްތެރި ހާދިމެއްގެ ގޮތުގައި ކަމަށެވެ.