ޕަހަލްގާމަށް ބަޔަކު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން -- އިންޑިއާއާ ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އުފެދިފައި އޮތް މި ދަނޑިވަޅުގައި -- ޕާކިސްތާނުން އެ ގައުމަށް އެތެރެކުރާ ހުރިހާ އެއްޗެއް ވަގުތުން ވަގުތަށް މަނާކުރަން އިންޑިއާއިން ވަނީ ނިންމައިފަ އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީއިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން މި ނިންމުމަކީ އިންޑިއާގެ ގައުމީ ސަލާމަތާއި އާންމު ސިޔާސަތުގެ މަސްލަހަތަށް ޓަކައި ނިންމި ނިންމުމެކެވެ.
ޕާކިސްތާނަށް އެހެން ގައުމަކުން އެތެރެކޮށް އަދި އެއަށް ފަހު އިންޑިއާއަށް އެތެރެކުރާ ބާވަތްތަތައް ވެސް މި އިއުލާންގެ ދަށުންމަނާ ވާނެ އެވެ.
ޕާކިސްތާންަގއި އުފައްދައި ނުވަތަ އެހެން ގައުމުއްގައި އުފެއްދުމަށް ފަހު ޕާކިސްތާން މެދުވެރިކޮށް އިންޑިއާއަށް އެތެރެކުރާ މުދަލަށް ވެސް މި އަމުރު ހިނގާނެ އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ފޮރިން ޓްރޭޑް އަޖޭ ބަޑޫ ސޮއިކުރައްވައި ނެރުއްވި އެންގުމުގައި ބުނެފައި އޮތް ގޮތުން މި ނޫން ގޮތަކަށް އަމަލުކުރަން މަޖުބޫރުވާ ފަރާތްތަކުން އިންޑިއާ ސަރުކާރުގެ ޚާއްސަ ހުއްދަ ހޯދަން ޖެހޭނެ އެވެ.
އިންޑިއާ - ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އުފެދި ބަދަލުހިފުމާ ހިސާބަށް ގޮސްގެން މިއުޅެނީ ކަޝްމީރުގެ އިންޑިއާ ފަޅީގެ ޓޫރީސްޓު އަވަށެއް ކަމަށްވާ ޕަހަލްގާމަށް ހަތިޔާރު އެޅި ބަޔަކު ވަދެގަނެ ދިން ޓެރަރިސްޓް ހަމަލާއެއްގައި 26 މީހަކު މަރާލުމާ ގުޅިގެންނެވެ.
ޕަހަލްގާމް ހަމަލާއާ ގުޅުވައި އިންޑިއާއިން ވަނީ ޕާކިސްތާނަށް ފެންބަންދުކުރާނެ ކަމުގެ އިންޒާރުދީފަ އެވެ.
އިންޑިއާއާ ޕާކިސްތާންއާ ދެމެދުގައި މިހާރު އޮތް ހާލަތު އިތުރަށް ގޯސްވުމަށް އެދިވަޑައިނުގަންނަވާ ކަމަށް ޚާރިޖީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފް ވެސް ވަނީ ވިދާޅުވެފަ އެވެ. މަސްރަހު ފިނިކުރުމަށްޓަކައި އަވައްޓެރިން ދޭ ލަފާ ގަބޫލުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދެ ގައުމުގެ ދެމެދުގައި އަސްކަރީ ހަމަލާތަކެއް ބަދަލުކޮށް ބޮޑެތި ގެއްލުންތަކެއް ދިނުން އަދި ލިބިގަތުމަކީ މިހާރަށް ބަލާއިރު އަދި ޒަމާނަށް ބަލާއިރު ތަހުޒީބު ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.