ކުޅިވަރު

ރޭސިން ޓްރެކް އަޅަން ހައިވޭގެ ބޭރުން އޮތް ފަޅު ހިއްކަނީ

ހުޅުލެއާއި ހުޅުމާލެއާއި ދެމެދު ހަދާފައިވާ ހައިވޭގެ ބޭރުން އޮންނަ ފަޅު ހިއްކައިގެން އެ ސަރަހައްދުގައި ރޭސިން ޓްރެކެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިއަދު އެކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރޭސިން އަދި ޑްރިފްޓިން އެސޯސިއޭޝަނަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހުޅުމާލެ އިން ބޮޑު ބިމެއް ހަމަޖައްސައިދިނެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވުމާ ގުޅިގެން ރޭސިންއަށް ދީފައިވާ ބިމުގެ އެއްބަސްވުން ރައީސް މުއިއްޒު ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާތިލްކޮށްފަ އެވެ.

އޭގެފަހުން ރޭސިން ކުރިއަށް ގެންދިއުންވެސް ފުލުހުން އޮތީ ހުއްޓުވާފަ އެވެ. އެހެންވެ ރޭސިންގައި އުޅޭ މީހުންގެ ފާޑުކިޔުން އޮތީ ރައީސް މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

ރައީސް މުއިއްޒު މިއަދު ވިދާޅުވީ ރޭސިން ޓްރެކެއް އެޅުމަށް އެމްއޭސީއެލްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި އެ މަޝްރޫއަށް ހަރަދުކުރާނީވެސް އެމްއޭސީއެލް އިން ކަމަށެވެ.

ރައީސް ވިދާޅުވީ ރޭސިން ޓްރެކް އަޅާނީ ހުޅުލެއާއި ހުޅުމާލެއާއި ދެމެދު ހަދާފައިވާ ހައިވޭގެ އަރިމަތީގައި ޖަހާފައިވާ ސޯލާ ޕެނަލްތަކުގެ ބޭރުން އޮންނަ ފަޅުން ބައެއް ހިއްކައިގެން ކަމަށެވެ.

"އެ ސަރަހައްދުގައި ރޭސިން ޓްރެކެއް އަޅަން ބިން ހިއްކައިގެން އެކަންކުރަން ޖާގަވެސް އެބައޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހައިވޭގެ ބޭރުން އޮތް ފަޅު ހިއްކައިގެން ރޭސިން ޓްރެކް އެޅުމަށް ނިންމީ ރޭސިންގެ ހަރަކާތްތަކަކީ މީހުން ދިރުއުޅޭ ތަނެއްގައި ކުރިއަށް ގެންދިއުމަށްވުރެ ނުރައްކާތެރިކޮށް ކުރިއަށްދާ ކުޅިވަރަކަށްވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ހިއްކާފައިވާ ތަނެއްގައި ރޭސިންއަށް ބިމެއް ހަމަޖައްސަން ބެލިއިރު އެކަމަށް ބޭނުންވާ ބިން ހުޅުމާލޭގައިވެސް ނެތް ކަމަށެވެ.

ރޭސިން ޓްރެކްގެ މަސައްކަތްތަކުގެ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ އެމްއޭސީއެލް މެދުވެރިކޮށް އެ މައުލޫމާތު ހޯދުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.