މިސަރުކާރުން ޑިޖިޓަލައިޒް ސިޔާސަތެއް އެކުލަވާ ތަންފީޒު ކުރަން މަސައްކަތް ކުރަނީ ކޮރަޕްޝަނަށް ނައްތާލުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިސަރުކާރުން އިއުލާންކޮށްފައިވާ "މޯލްޑިވްސް 2.0" ޑިޖިޓަލައިޒް ކޮށްގެން ރާއްޖެ ހިންގުމުގެ ނިޒާމެއް ކަމަށެވެ. އެފަދަ ނިޒާމަކަށް ދާން ބޭނުންވަނީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުން ކަމުގައި ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުމަކީ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އެހީތެރިކަން ހޯދުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ހިއުމަން ނޭޗާގައި މި އޮންނަނީ ކޮންމެވެސް ނުބައެއް ހެދުން. އެހެންވެ އޮޓޮމެޓިކަލީ ޑިޖިޓަލީ ކަންކަން ކުރެވޭ ގޮތަށް ކުރަން މަޖުބޫރުވާ ގޮތަށް ބަދަލުވުމުން ވަރަށް ބޮޑުތަނުން އެބަ ކޮރަޕްޝަން ދަށްކުރެވޭ،" ރައީސް ވިދާޅުވި އެވެ.

އެސްޓޯނިއާ އެންމެ ފާހަގަކުރެވެނީ ހާމަކަން ބޮޑު ގޮތެއްގައި ހިންގާ ސަރުކާރެއް އޮތް އަދި އަވަހަށް ހިދުމަތްތައް ލިބޭ ގައުމެއްގެ ގޮތުގައެވެ. އެސްޓޯނިއާ އަކީ މުޅި ދައުލަތް ޑިޖިޓަލްކޮށްގެން ހިންގާ ގައުމެކެވެ. އަދި އެ ގައުމުގެ ފާހަގަކުރެވެނީ ޕްރެސް ފްރީޑަމް އިންޑެކްސްގައިވެސް ދެވަނައަށް އޮތް ގައުމުގެ ގޮތުގައެވެ.
ރައީސް މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ހިދުމަތްތައް ޑިޖިޓަލް ކުރަން އެހީތެރިކަން ހޯދަން އެއްބަސްވުމެއް ހިމެނޭ ގޮތަށް އެ ގައުމާ އެކު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ މުޅި ދިވެހި ދައުލަތް ޝާމިލްވާ ގޮތަށް ޑިޖިޓަލައިޒޭޝަން ސިޔާސަތާގުޅޭ ބޮޑު ކޮންފަރެންސެއް މިމަހުގެ ނުވަވަނަ ދުވަހު ބާއްވާނެ ކަމަށެވެ. ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީވެސް ކަމާގުޅުންހުރި ހުރިހާ އިދާރާތަކެއްގެ އިސް ބޭފުޅުން އެއްތަންވެ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދައުލަތުގެ މުޅި ނިޒާމު ޑިޖިޓަލައިޒް ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.