އެޕަލްއަށް އަދި ވަކިން ޚާއްސަކޮށް އައިފޯނަށް މަރުދޭ މީހުންނަށް ކޮންމެ އަހަރެއްގެ ފަހުކޮޅު -- ސެޕްޓެމްބަރަކީ އަންނަ ބޮޑު އީދެކެވެ. އައިފޯނު މަރުކާއަށް އާ އައިފޯނުތައް ފޫޅުކެނޑުން އޮންނަނީ ސެޕްޓެމްބަރުގައި ކަމަށް ވާތީ އެވެ.
ނަމަވެސް، މި އަހަރު އެ ތާރީޚަށް ބޮޑެތި ބަދަލުތަކެއް އެޕަލުން ގެނެސްފާނެ ކަމަށް ބުނާ އަޑުތަކެއް އެބަ ފެތުރެ އެވެ. އެއީ ބުނެވޭ ގޮތުގައި ސްމާޓްފޯން މާކެޓްގައި ތަންކޮޅެއް ބޮޑަށް ވައިހިއްޕާލުމުގެ ބޭނުމުގައި ކަމަށް ބުނާތީ އިވެ އެވެ.
މި އަހަރު ސެޕްޓެމްބަރުގައި، އާދައިގެ މަތިން އައިފޯން 18 ގެ ޕްރޯ މޮޑެލްތައް މާކެޓަށް ނެރޭނެ ކަމަށް ބުނެވެ އެވެ. ނަމަވެސް، އައިފޯން 18 ގެ ދެން ހުރި މޮޑެލްތައް އަންނަ އަހަރުގެ ކުރީކޮޅަށް ފަސްކުރާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެޕަލުން އައިފޯން ނެރޭ ތާރީޚަށް ބަދަލުގެނައުމުގެ ބޭނުންމަކީ އެންޑްރޮއިޑް ފޯނުތައް ނެރޭ މޫސުމާ ދިމާކުރުމެވެ.
ސެމްސަންގުން ގެލަކްސީ މޮޑެލްގެ ބާރުގަދަ ފޯނުތަައް ނެރެނީ އަހަރުގެ ކުރީ ކޮޅު އެވެ. އައިފޯންގެ ބައެއް މޮޑެލްތައް މި ދުވަސްވަރާ ދިމާކުރުމުން އެޕަލްގެ ވިޔަފާރިއަށް ކުރިއެރުން ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.