ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މެންބަރުންނަށް ހާއްސަ އެލަވަންސެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެ ކޮމިޝަންގެ ކޮންމެ ބޭފުޅަކަށްވެސް އެލަވަންސެއް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ކޮމިޝަންގައި މިހާރު ހިމެނޭ ބޭފުޅުން
- ޑރ. މުހައްމަދު މުނައްވަރު - ގ. ހަސަންކާރިގެ
- ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު - ވ. އަލްމާން
- ޑޮކްޓަރ މޫސާ މުރާދު - ދަފްތަރު ނަންބަރު ރސ 641
- ޖަބީން މުހައްމަދު - ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް - ހ. ހަބަރުގެ
ރައީސް ވިދާޅުވީ ކޮމިޝަންގައި ތިއްބެވި ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދާއި އާމިނަތު އީނާސް މިވަގުތު ވަޒީފާއެއް އަދާނުކުރައްވާތީ އެ ބޭފުޅުންނަށް ދޭން ނިންމާފައި ވަނީ މަހަކު 15،000 ރުފިޔާގެ އެލަވަންސެއް ކަމަށެވެ.
ކޮމިޝަންގައި ތިއްބެވި އެހެން ބޭފުޅުންނަށް 5،000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އެންމެ ފުރަތަމަ ކޮމިޝަން އުފެއްދެވީ ތިން މެންބަރުން އެކުލެވޭ ގޮތަށެވެ.
އޭރު ހިމެނުއްވި ބޭފުޅުންނަކީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރާއި، ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބުގެ އިތުރުން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު އެވެ.
ކޮމިޝަނުން ޑރ. ހަބީބް އިސްތިއުފާ ދެއްވުުން ކޮމިޝަނަށް އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ ޑރ. މޫސާ މުރާދު އާއި ޖަބީން މުހައްމަދުގެ އިތުރުން އާމިނަތު އީނާސް އެވެ.