ސްޕެނިޝް ލަލީގާގައި ރޭ ވަޔަޑޮލިޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
މި ކާމިޔާބީއާއެކު ބާސެލޯނާ ވަނީ 34 މެޗުން 79 ޕޮއިންޓު ހޯދާފަ އެވެ. ދެވަނައިގައިވާ ވާދަވެރި ރެއާލް މެޑްރިޑަށް އެއް މެޗު މަދުން ކުޅެ ލިބިފައިވަނީ 72 ޕޮއިންޓެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ލަލީގާއިން ރެލިގޭޓްވެފައިވާ ވަޔަޑޮލިޑްއިން މެޗުގެ ހަވަނަ މިނެޓުގައި އިވާން ސަންޗޭޒްގެ ލަނޑަކުން މެޗުގެ ފުރަތަމަ ގޯލް ކާމިޔާބު ކުރި އެވެ. ނަމަވެސް ބާސެލޯނާގެ ކޯޗު ހެންސީ ފްލިކްގެ ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޓީމުގެ ކުޅުން ރަނގަޅު ކުރި އެވެ.
ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ޑެނީ ރޮޑްރިގޭޒްއަށް އަނިޔާވުމާއެކު ފްލިކް ވަނީ ލަމީން ޔަމާލް ކުޅެން ނެރެފަ އެވެ. މި ބަދަލާއެކު ބާސެލޯނާގެ ކުޅުން އިތުރަށް ވަރުގަދަވެގެން ދިޔަ އެވެ. ދެވަނަ ހާފަށް ނިކުތްއިރު ފްލިކް ވަނީ ޕެޑްރީ އާއި އަންސޫ ފަތީގެ ބަދަލުގައި ފްރެންކީ ޑެޔޮންގް އާއި ރަފީނިއާއަށް ފުރުސަތު ދީފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ނުވަވަނަ މިނެޓުގައި ރަފީނިއާއިން ވަނީ މި ސީޒަނުގައި އޭނާގެ 16 ވަނަ ލަނޑު ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެއަށްފަހު 60 ވަނަ މިނެޓުގައި ފާމިން ލޯޕޭޒްގެ ލަނޑަކުން ބާސެލޯނާއަށް ވަނީ ތިން ޕޮއިންޓް ކަށަވަރުވެފަ އެވެ.
މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބާސާއާއި އިންޓަ މިލާން ކުޅުނު ފުރަތަމަ ލެގު 3-3 އިން އެއްވަރުވެފައިވާއިރު، މި ހަފްތާގައި އިޓަލީގައި ކުޅޭ ދެވަނަ ލެގަށް މުހިއްމު ކުޅުންތެރިންނަށް އަރާމު ދިނުމަށް ފްލިކް ވަނީ މި މެޗަށް ނުވަ ބަދަލެއް ގެނެސްފަ އެވެ.