އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބޯންމަތު އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗުން 2-1ގެ ނަތީޖާއަކުން އާސެނަލް ބަލިވެއްޖެ އެވެ.
ލީގު ޗެމްޕިއަން ކަމަށް ވާދަކުރަމުން ދިޔަ އާސެނަލަށް މިހާރު ވަނީ ތަށި ގެއްލިފަ އެވެ.
ލިވަޕޫލުން ނެރުނު ރަނގަޅު ނަތީޖާއާއި އާސެނަލްގެ މިފަހުގެ ދަށް ފޯމާއެކު، އެ ޓީމަށް މިހާރު ވާދަކުރަން ޖެހެނީ ޗެމްޕިއަންސް ލީގުގެ ޖާގައަކަށެވެ. ރޭ އެޓީމު ބަލިވުމުގެ ސަބަބުން އަދިވެސް ޖާގަ ކަށަވަރު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ރޭގެ މެޗުގައި އާސެނަލަށް ފުރަތަމަ ފުރުސަތު ލިބުނީ މާޓިން އޮޑެގާޑް ދިން ބޯޅައަކުން ޑެކްލަން ރައިސް ޖެހި ގޯލުންނެވެ. ނަމަވެސް ދެވަނަ ހާފުގައި ބޯންމައުތުން ކުޅުމަށް ބަދަލުތަކެއް ގެނެސް، 67 ވަނަ މިނެޓުގައި އަންޓުއާން ސެމެންޔޯގެ ދިގު އެއްލުމަކުން ޑީން ހައުސަން ބޮލުން ޖެހި ގޯލުން އެއްވަރުވި އެވެ. އަދި 75 ވަނަ މިނެޓުގައި އެވަނިލްސަން ޖެހި ގޯލުން ބޯންމައުތު މޮޅުވި އެވެ. އެވަނިލްސަންގެ ގޯލުގައި ބޯޅަ އޭނާގެ އަތުގައި ޖެހިފައިވޭތޯ ބެލުމަށް ވީއޭއާރް ބޭނުންކުރި ނަމަވެސް ގޯލު ސައްހަ ކަމަށް ނިންމި އެވެ.
ޕޮއިންޓް ތާވަލުގައި އާސެނަލް ދެވަނައިގައި އޮތީ 35 މެޗުން 67 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 35 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 34 މެޗުން 62 ޕޮއިންޓް ލިބިފައިވެ އެވެ. ފަސްވަނައިގައި އޮތް ޗެލްސީއަށް 34 މެޗުން 60 ޕޮއިންޓް ލިބިފައިވެ އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގައި، އެސްޓަން ވިލާއިން 1-0 އިން ފުލަމް ބަލިކުރިއިރު، ރެލިގޭޓްވެފައިވާ ލެސްޓަ ސިޓީ ވަނީ 2-0 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. އަދި އިޕްސްވިޗް ޓައުން ވަނީ 2-2 އިން އެވަޓަންއާ އެއްވަރުކޮށްފަ އެވެ.