މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ހައްޔަރުކޮށްފި

މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ހމ. ފްލެޓް ނަންބަރު 07-1-4 / މާލެ، މުހައްމަދު މާއިސް (23އ) އެވެ. މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހެޑްލައިޓް ނުދިއްލާ 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި ދުއްވި ކާރެއް ފުލުހުންގެ އެންގުމަށްވެސް މަޑުނުކޮށް ދިޔަ ކަމަށެވެ.

އެ ކާރު މަޑުނުކޮށް ދިޔުމުން އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް މިކަން ގެނެސް ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން މި ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ހުޅުމާލެ ފޭސް 1، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުންދާ މަންޒަރު ފެނުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ ކާރު މަޑުކުރުމަށް އިޝާރާތް ކުރުމުން މަޑުނުކޮށް ބަމްޕަރުތަކަށްވެސް އަދި ގޯޅި އަޅާއިރުވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް ދުއްވާފައިވާ ކަމަށެވެ.

އެގޮތަށް ދުއްވަމުން ގޮސް ކާރު މަޑުކުރީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށް ކަމަށާއި ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާވެސް ކާރު ދުއްވާލަން އުޅެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި ކާރު ހުއްޓުވިއިރު ކާރުގެ ކަނާތް ފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތެވެ. އެ ޓަޔަރު ފެނިފައިވަނީ 103 ނަންބަރު ފްލެޓް ކައިރިން ކަމަށާއި ކާރަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ކާރު ޓޯ ކޮށްފަ އެވެ.