ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫއު ފެށިތާ 28 ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފެށީ މިދިޔަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެމްޓީސީސީ އިން ބުނީ މަޝްރޫއުގެ މަސައްކަތް ތާވަލުކޮށްފައިވާ ތާރީހަށްވުރެ ކުރިން ނިންމައި ހަވާލުކުރުމަކީ ކުންފުނީގެ އަމާޒު ކަމަށެވެ.
އެގޮތުން މަޝްރޫއުގެ ބާކީ ހުރި މަސައްކަތްތައްވެސް ހަލުވިމިނުގައި ކުރިއަށް ގެންގޮސް ބިމުގެ ދަތިކަން ދިމާވެފައިވާ ގުޅީގެ ރައްޔިތުންނަށް ވީއެންމެ އަވަހަކަށް އަލަށް އިތުރުކުރެވޭ ބިން ފޯރުކޮށްދިނުމަކީ އަމާޒު ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

ގުޅީގައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔަޑް އަހުމަދު ސައުދީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގުޅީގެ ބިން ވީ އެންމެ އަވަހަށް ނިންމުމަކީ ކުންފުނިން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ.
އެ ގޮތުން މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް ފުރިހަމަ ކުރެވިފައިވާއިރު ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކަންޖެހޭ 10 ހެކްޓަރުގެ 80 ޕަސެންޓް ނިމިފައިވާއިރު ބާކީ އޮތް ބައިވެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒު ކަމަށް ސައުދީ ވިދާޅުވި އެވެ.

"ޝޯ ޕްރޮޓެކްޝަންއަށްވެސް ގާތްގަނޑަކަށް 22 ހާސް ޓަނުގެ ބޮޑުހިލަ އެބަ ބޭނުންވޭ. އެހެންވީމަ މިހާރު މިރަށުގައި މި މަސައްކަތް ކުރަމުންދާއިރު ފުރަތަމަ ޝިޕްމަންޓު 10 ހާސް ޓަނުގެ ރޮކް ބޯލްޑާސް މިހާރު ވަނީ ގެނެވިފައި. އަންލޯޑް ކުރުމުގެ މަސައްކަތް ކުރަމުން އެދަނީ. އަންލޯޑްކޮށް ނިމުނީމަ ބޮޑުހިލަ ޖެއްސުމުގެ މަސައްކަތް ފެށިގެންދާނެ،" އެމްޑީ ސައުދީ ވިދާޅުވި އެވެ.
ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުން 10.15 ހެކްޓަރުގެ ބިމެއް އެ ރަށަށް އިތުރުވެގެންދާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10,962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއްގެ އިތުރުން 88 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
މި މަޝްރޫއުއަކީ 89.63 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.